ރާއްޖޭގެ ސިޔާސީ މިނިވަންކަމުގެ ތާރީޚަށް ބަލާއިރު، މިދިޔަ ފަސް އަހަރަކީ، ކޮންމެ ދިމާއަކަށް ނަޒަރު ހިންގިޔަސް، ފުރިހަމަ މާނައިގެ މިނިވަންކަން ގާއިމުވެފައި އޮތް ފަސް އަހަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ މިދިޔަ ފަސް އަހަރަކީ، ކޮންމެ ދިމާއަކަށް ނަޒަރު ހިންގާލިޔަސް، ފުރިހަމަ މާނައިގެ މިނިވަންކަން ގާއިމުވެފައި އޮތް ފަސް އަހަރު ކަމަށެވެ.

"ދިވެހިރާއްޖޭގެ ސިޔާސީ މިނިވަންކަމުގެ ތާރީޚަށް ބަލާއިރު، މިދިޔަ ފަސް އަހަރަކީ، ކޮންމެ ދިމާއަކަށް ނަޒަރު ހިންގިޔަސް، ފުރިހަމަ މާނައިގެ މިނިވަންކަން ގާއިމުވެފައި އޮތް ފަސް އަހަރު. ރާއްޖޭގެ ސިޔާސީ މިނިވަންކަން ފުރިހަމަށް ރައްކާތެރިކުރެވުނު ފަސް އަހަރު. ޚާރިޖީ މިނިވަންކަން އެންމެ ވަރުގަދަ ފަސް އަހަރު. ދާޚިލީ މިނިވަންކަން އެންމެ ފުޅާގޮތެއްގައި ލިބިދެވުނު ފަސް އަހަރު. ފަރުދުންގެ ޒާތީ މިނިވަންކަން، އެއްވެސް ހިފެހެއްޓުމެއް ނެތި ކަށަވަރު ކޮށްދެވުނު ފަސް އަހަރު،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދު ބޭއްވި ރަސްމީ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ މިނިވަންކަމުގެ ހަގީގީ އުފަލަކީ، އެ މީހެއްގެ ޒާތަށް ލިބެން ޖެހޭ މިނިވަންކަން ޙާސިލުވުމުގެ އުފާ ކަމަށެވެ. އަދި މިނިވަންކަންމަތީގައި ގައުމު ދެމިއޮތަސް، ގައުމީ ދިދައިގެ ހިޔަލުގައި ވެގެން އުޅޭ ރައްޔިތުންގެ ޒާތަށް ލިބެންޖެހޭ މިނިވަންކަމަކީ މުޅިން ތަފާތު އެއްޗެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެއީ އެ ފަރުދެއްގެ ދިރިހުރުމާއި ދިރިއުޅުމުގެ ޙައްޤާ ގުޅިފައިވާ އަސާސީ އަދި ޒަރޫރީ މުހުތާދުތައް ފިލުވޭނެ ގޮތް، ހަމަ ކޮންމެ ރައްޔިތަކަށް ދައުލަތުގެ ފަރާތުން ހަމަޖައްސައިދީފައި އޮންނަ އޮތުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ދިވެހިންގެ ފަޚުރުވެރި މިނިވަން ދުވަސް ފާހަގަކުރާ މިފަދަ ރަސްމިއްޔާތެއްގައި ތިބޭއިރު، އިއްޔެ އަޅުގަނޑުމެން ތިބި ހިސާބާއި، މިއަދު ތިބި ފިޔަވަޅުމަތިން ހިނގައިގަނެ، މާދަމާ އަތުލާން ބޭނުންވާ މަންޒިލަކީ ކޮބައިތޯ ވިސްނައިލުމަކީ ކުރަންޖެހޭނެ ކަމެއް ކަމަށެވެ. އަދި ދިވެހިން އެދިއެދި ތިބި މަންޒިލަކީ، 21 ވަނަ ގަރުނުގެ ތަރައްގީ ކަމަށާއި އެ މަންޒިލާ ދިވެހި ރައްޔިތުންނާ ދެމެދަށް ހުރަސްވެފައި އޮތީ، ދިވެހި ރައްޔިތުން އުޅެންޖެހިފައިވާ ޙާލަތު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މިދިޔަ ފަސް އަހަރުގެ ތެރޭގައި، އަޅުގަނޑުމެންގެ އަމާޒަކަށް ހެދީ، އެ ހާލަތު ބަދަލުކޮށް ތަރައްގީގެ ސަރާސަރު ރާސްތާއަށް ދިވެހިން ނެރެދިނުން،" ރައީސް ސޯލިހު ވިދާޅުވި އެވެ. "މި ފިޔަވަޅުމަތީ ހުރެ އުފަލާއެކު އަޅުގަނޑު ދަންނަވަން އޮތީ، އިލްމު އުނގެނުމާއި މަތީ ތައުލީމް ހާސިލުކުރުމުގެ ފުރުސަތު ނުލިބޭ އެންމެ ދިވެހި ދަރިއަކު ވެސް މިހާރު ނުހުންނާނެޔޭ. ތައުލީމާއި ތަމްރީނުގެ ދާއިރާއިން، މީގެ ކުރިން ތަނަވަސްވެފައި ނެތް މިންވަރަށް، ދިވެހި ޒުވާނުންނަށްޓަކައި އަޅުގަނޑުމެން ފުރުސަތުތައް ފަހިކޮށްދީފިން."

ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދު ބޭއްވި ރަސްމީ ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ބައިވެރިވަނީ. ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ ދިވެހިން ތާއަބަދުމެ ފިކުރާވެ ތިބި އެބައި މީހުންގެ ޒާތީ މިނިވަންކަމަކީ، ދަރިންނަށް ކިޔަވައިދީގެން ތަރައްގީގެ މަގުގައި ހަލުވި ފިޔަވަޅުމަތީ ކުރިއަށް ދެވޭނެ ގޮތްވުން ކަމަށެވެ. އަދި ހަމަޖެހުމާއި ސުލްހަވެރިކަން ގާއިމުކޮށް، މިއަދު މިވަނީ ގައުމު ބިނާކުރުމުގެ ބިންގާ އެޅިފައި ކަމަށާއި ރާއްޖޭގެ އުތުރުން ދެކުނަށް މުޑުވައްކުރި ތަރައްގީގެ އޮށްތައް މިވަނީ ކޯދުލައި ހެދިގަންނަން ތައްޔާރުވެފައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ދެން ކުރަން އޮތް ކަމަކީ، އަޅުގަނޑުމެން މި ތައްޔާރުކުރި ތަރައްޤީގެ ބުސްތާނަށް ފެން ދީ އެ ގަސްތައް ހެއްދުން. އަޅުގަނޑުމެންގެ މަޤްޞަދަކަށް ވާންވީ، އެ ގަސްތަކުގެ ހިޔާ މުޅި ރާއްޖެއަށް ފަތުރާލައި، އެ ހިޔާވަހިކަމުގެ ދަށުގައި ކުރިމަގުގެ ޖީލުތަކަށް އުފާވެރި އަމާން ދިރިއުޅުމެއް ހޯދައިދިނުން،" ރައީސް ވިދާޅުވި އެވެ.