ދުނިޔޭގެ ހުރިހާ ގައުމުތަކާއެކު ބޭއްވޭ ސުލުހަވެރި މަތިވެރި ގުޅުންތަކަކީ ރާއްޖޭގެ މިނިވަންކަމުގެ ރައްޒު ކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެ އެވެ

މިއަދު ފާހަގަކުރާ ރާއްޖޭގެ ފަހުރުވެރި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ މިނިވަންކަމަކީ އިންސާނީ ތަބީއަތުގެ އެންމެމަތީ އެއްސިފަ ކަމަށެވެ. އަދި އެކަމަށްޓަކައި އިންސާނާގެ މުދަލާއި ފުރާނަ ގުރުބާންކުރާ އެންމެމަތީ ޖައުހަރައަކީ ވެސް މިނިވަންކަން ކަމުގައި އިމްރާން ވިދާޅުވި އެވެ.

ބައެއް ފަހަރަށް މިނިވަންކަމުގެ އުފާ އިހުސާސްކުރެވެނީ މިނިވަންކަން ގެއްލިގެން ދިއުމުންކަން ފާހަގަކުރައްވާ އިމްރާން ވިދާޅުވީ އިންސާނަކަށް ލިބޭނެ އެންމެބޮޑު ނިކަމެތިކަމާއި, ބަލިކަށިކަމާއި ދެރަކަމާއި ހިތާމައަކީ އިންސާނާގެ ކުރިމަތީގައިވާ އަޅުވެތިކަން ކަމަށެވެ.

"އިންސާނަކު އިންސާނަކަށް އަޅުވެތިވުމަށްވުރެ ވަކިންބޮޑު ނިކަމެތިކަމެއް އިންސާނާގެ ހަޔާތުގައި ދުވަހަކުވެސް ކުރިމަތިނުވާނެ. ވަކިވަކި ފަރުދުންނާއި ގައުމުތަކުގެ އަޅުވެތިކަމުން އިންސާނީ މުޖުތަމައުތައް މިންޖުވުމަށް މަސައްކަތްކުރަނީ މިސަބަބާހުރެ. އަޅުގަނޑުމެންގެ މިކުޑަކުޑަ ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ މިނިވަންކަމަށް ލޯބިކުރާ އަޅުވެތިކަމަށް ނަފްރަތުކުރާ ރައްޔިތެއް އުޅޭ ގައުމެއް،" އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު އިމްރާން ފާހަގަކުރެއްވީ މިއަދުގެ އަޅުގަނޑުމެންގެ މިޖީލަށް މިނިވަންކަން އައިސްފައި ވަނީ އަޅުގަނޑުމެންގެ ކާބަފައިންގެ ހިތްވަރާއި އަޒުމާއި, މިނިވަންކަމަށް ކުރި ލޯބީގެ މަތިވެރިކަމުން ކަމެވެ. ރާއްޖޭގެ މިނިވަންކަން ނަގާލުމަށް ބޭރުގެ އުދުވާނުން މަސައްކަތްކުރި ކޮންމެ ހިނދެއްގައި މިނިވަންކަމުގެ ދިފާއުގައި ދިވެހިން ތެދުވީ ވަރަށް ހިތްވަރާއި ސާބިތުކަމާއެކުކަން ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި އަޅުގަނޑުމެންގެ ކާބަފައިންގެ ތެރެއިން އިސްނަގައިގެން ތެދުވެވަޑައިގެންނެވި އެތައް އަބުތާލުންގެ ޒިކުރާތައް އަޅުގަނޑުމެންގެ ތާރިޚުގެ ފަތްފުށްތަކުން ދިރުވި އާލާކުރެވިފައިވާކަން ފާހަގަކުރައްވާ އިމްރާން ވިދާޅުވީ މިއަދު އަޅުގަނޑުމެން މިހަނދާންކުރަނީ އެޒިކުރާ ކަމަށެވެ. ދުނިޔޭގެ ގައުމުތަކުން މިސާލު ދައްކަވަމުން އިމްރާން ވިދާޅުވީ މިނިވަންކަމަކީ ސަރަހައްދުގެ ބޮޑުކަމާއި އާބާދީގެ ގިނަކަމާ ގުޅިފައިވާކަމެއް ނޫންކަމަށެވެ.

"މިނިވަންކަމަކީ މުވާތިނުންގެ ހިތުގައި އަޅުވެތިކަމާ ދެކޮޅަށް, އަޅުވެތިކަން ގަބޫލުނުކުރުމާ ދެކޮޅަށް ކަނޑައަޅާ ވަރުގަދަވެގެންވާ އަޒުމެއް. އިސްތިއުމާރީ ބާރުތަކަށް ބޯ ތިރިކުރުމަށް ނުރުހިގެން ތެދުވާ ވަރުގަދަ ސާބިތުކަމަކާ ހިތްވަރެއް. މިނިވަންކަމަކީ މުވާތިނުންގެ ހިތުގައި މިނިވަންކަމުގެ ދިފާއުގައި ގުރުބާންވާންޖެހޭ ކޮންމެ ހިނދެއްގައި ކޮންމެ ސިފައެއްގައި ތެދުވެ ގުރުބާންވުމަށްޓަކައި ލޭއޮހޮރުވާލުމަށްޓަކައި ދެވޭ ހިތްވަރެއް. އަދި މިނިވަންކަމުގެ ދިފާއުގައި އެއް އިހުސާސެއް ކުރާ އެންމެން އެކުގައި ގޮވައިގެން ތެދުވާ ހިކުމަތްތެރި ހިތްވަރުގަދަ ލީޑަރުންގެ މަސައްކަތުގެ ނަތީޖާ،" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

މިއަދު އަޅުގަނޑުމެންނާ ހަމައަށް އަޅުގަނޑުމެން ކާބަފައިން ފޯރުކޮށްދީފައި މިވާ މިނިވަންކަން ފަޚުރުވެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ މިއަދުގެ ޖީލުގެ ބޮޑުވެގެންވާ ޒިންމާއެއްކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ އެޒިންމާތައް ފުރިހަމަ ގޮތުގައި އުފުލާ އެކަމުގެ ފުރިހަމަ އިހުސާސް ހުރިހާ ރައްޔިތުން އެކުގައި ކުރުމަކީ އަޅުގަނޑުމެން އަދާކުރަންޖެހޭ ގައުމީ ވާޖިބެއް ކަމަށެވެ. މިއަދުގެ ސަރުކާރުން އެޒިންމާ ރައީސް ވަރަށް ވިސްނުންތެރިކަމާއި, ހިކުމަތްރެރިކަމާއެކު ނަންގަވަމުން ގެންދަވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ މިއަދުގެ ދުނިޔޭގައި މިނިވަންކަން ގެއްލިގެންދަނީ ގައުމުތަކާމެދު ބޭއްވޭ ގުޅުންތަކާ އެކަމުގައި ކަންކުރެވޭ ނުރައްކާތެރި ގޮތްތަކުގެ ސަބަބުންކަމަށެވެ. ނަމަވެސް އެކަން އިހުސާސްކުރެވި ދުނިޔޭގެ ހުރިހާ ގައުމުތަކާއެކު ބޭއްވޭ ސުލުހަވެރި މަތިވެރި ގުޅުންތަކަކީ އަޅުގަނޑުމެންގެ ރާއްޖޭގެ މިއަދުގެ މިނިވަންކަމުގެ ރަމްޒުކަމުގައި ވިދާޅުވި އެވެ. މިގުޅުން މިގޮތުގައި ދެމިއޮންނާނީ ރާއްޖޭގެ ފުރިހަމަ ހާރިޖީ ސިޔާސަތު ކަނޑައެޅި އެސިޔާސަތު ދެމެހެއްޓުމުގެ މަތިވެރި ޒިންމާ އަދާކުރާ ބޭފުޅުންގެ އިއްޒަތާއި ޝަރަފްވެރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންކަން ފާހަގަކުރެއްވި އެވެ. އަދި ސަލާމަތީ ޚިދުމަތްތަކުން ކުރައްވާ މަސައްކަތްތައް މިނިސްޓަރު ފާހަގަކުރެއްވި އެވެ.