ރާއްޖެ އޮތީ އަޅުވެތިކަމުގެ ވިލާތަކެއް ދަށުގައި ކަމަށާއި މިގައުމަށް މިނިވަން ކަމެއް ދެން ލިބޭނީ ރައީސް ޔާމީން ވެރިކަމަށް ގެނެސްގެން ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

ރާއްޖޭގެ މިނިވަން ދުވަހުގެ ތަހުނިޔާ އަރިސްކޮށް އިދިކޮޅުން ނެރުނު ބަޔާނެއްގައި ވަނީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 58 އަހަރު ފުރޭ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީނާއި ޕީޕީއެމް ލީޑާޝިޕާއި ސެނެޓް މެންބަރުންގެ ފަރާތުން ތަހުނިޔާ ވިދާޅުވެފަ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ދިވެހީން ފަހުރުވެރިވާ ދިވެހީންގެ މިނިވަން ދުވަހާ ބައްދަލުވެފައި މިވަނީ ކަޅު އަނދިރިކަމާއި، ހިތްދަތިކަމާއި، ބަނަކަމުގެ އިޙުސާސްތައް ކުރުވަމުން ކަމަށެވެ. އަދި ގައުމުގެ މިނިވަންކަމާއި އިސްތިގްލާލު ނަގައިލައި، ދިވެހީންގެ މައްޗަށް އިންޑިއާގެ ނުފޫޒު އިންތިހާއަށް ފޯރުވަމުން ގެންދާއިރު މިނިވަންކަމުގެ އިހުސާސް ކުރެވޭތޯ އެ ކޯލިޝަނުން ވަނީ ސުވާލު އުފައްދާފަ އެވެ.

އިދިކޮޅުގެ ބަޔާނުގައި ބުނެފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިސްވެ ހުންނަވާ އިންޑިއާގެ އަތްމައްޗަށް ގައުމު ދީލާލައި، ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލައިގެން ކުރަމުން ގެންދާ ވެރިކަން ނިމުމަކަށް ގެނެސް ރައީސް ޔާމީން އަނބުރާ ވެރިކަމަށް ގެނެސްގެން ނޫނީ ދިވެހީންގެ ގައުމު ދިވެހީންނަށް އަނބުރާ ހޯދޭނޭ ގޮތެއް ނެތްކަމަށެވެ.

މީގެ އިތުރުން މި ގައުމު އަޅުވެތިކަމުގެ ވިލާތަކެއްގެ ދަށުގައިވާ މި ވަގުތުގައި، ގައުމުގެ މަސްލަހަތު ދިފާއުކުރުމަށް އެންމެން އެކީ ބާރުލައި މަސައްކަތްކުރުމަށް އަތުގުޅާލުމަކީ، އެމަނިކުފާނުގެ އެދިވަޑައިގަތުމެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އިދިކޮޅުން ބުނީ ރައީސް ޔާމީނާއި އެ ކޯލިޝަންގެ އުއްމީދާއި ދުއާއަކީ އަންނަ ރިޔާސީ އިންތިޚާބަކީ ގައުމުގެ ހާލަތު ބަދަލުކުރެވޭނެ އިންތިހާބެއް ކަމުގައިވުން ކަމަށެވެ.

ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގައި ކުރިމަތިލާ ކެންޑިޑޭޓުންގެ ނަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި ވާއިރު، އެ ފުރުސަތު އަންނަ މަހުގެ 7ގައި ހަމަވާނެ އެވެ.

ޔާމީންގެ ކެންޑިޑެސީ ފޯމުގައި ޖަލުގައި ހުންނަވައިގެން އެ މަނިކުފާނު ސޮއިކުރައްވާފައި ވިޔަސް، އެ މަނިކުފާނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފް މައްސަލަ ހައި ކޯޓުގައި ތާށިވެފައިވާތީ އެ މަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވިދާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.