އައްޑޫ ސިޓީ ހިތަދޫގައި އިމާރާތްކުރާ އިސްލާމިކް ސެންޓަރު އެޅުމުގެ އަމަލީ މަސައްކަތް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ފައްޓަވައިދެއްވައިފި އެވެ.

އައްޑޫ ސިޓީގެ ހިތަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ ދީނީ ކަންކަމަށް ޒުވާނުންގެ މެދުގައި ލޯބި ޖެއްސުމަށް މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެމުން އަންނަ ކަމަށެވެ. ހަމަ އެހެންމެ ޤުރުއާން މުބާރާތްތަކާއި އިޙްޔާ ފޯރަމްތަކާއި ދީނީ ނަޞޭޙަތްތަކާއި އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް ސަރުކާރުން ހިންގާކަން ފައިސަލް ފާހަގަ ކުރެއްވި އެވެ.

އައްޑު ސިޓީ ހިތަދޫގައި އިމާރާތްކުރާ އިސްލާމިކް ސެންޓަރު އެޅުމުގެ އަމަލީ މަސައްކަތް ފެށެމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން:

ފައިސަލް ވިދާޅުވީ އަތޮޅުތަކަށް އިސްކަންދީގެން ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމުތައް މީގެ ކުރިން ނުހިންގޭ މިންވަރަށް މިދިޔަ އަހަރުތަކުގައި ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ.

ހިތަދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ފެޑޯ ޕްރައިވެޓް ލިމިޓެޑާ އެވެ.

މި އިސްލާމީ މަރުކަޒުގައި 1،500 މީހުންގެ ޖާގައިގެ ނަމާދުކުރާނެ ތަނަކާ 450 މީހުންގެ ޖާގައިގެ މަލްޓިޕާޕަސް ހޯލަކާއި، ހަތަރު ކްލާސްރޫމާއި، ދެ ސެމިނާ ރޫމާއި އިދާރީ އޮފީހާއި ލައިބްރަރީ ވެސް ހިމެނެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އައްޑޫ ސިޓީ އަށް ވަޑައިގެންނެވީ ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހުގެ މުނާޞަބާ ފާހަގަކުރުމަށް އެ ސިޓީގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ.