ނޮން ޕެން (ޖުލައި 26) ގާތްގަނޑަކަށް ސާޅީހަކަށް އަހަރު ދުވަހު ވެރިކަން ކުރެއްވުމަށް ފަހު ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން ސެން އަންނަ މަހު ކުރީކޮޅު އިސްތިއުފާ ދެއްވައި ވެރިކަމުގެ ބާރުތައް ދަރިކަލުންނަށް ހަވާލުކުރައްވަން ނިންމަވައިފި އެވެ.
ދުނިޔޭގެ އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ލީޑަރުގެ މި އިއުލާން ކުރެއްވުން އައީ ކެމްބޯޑިއާގައި ބޭއްވި، އެއްވެސް ވާދަވެރިކަމެއް ނެތް އިންތިޚާބުން ޕާލަމެންޓުގެ ހުރިހާ ގޮނޑިއެއް އޭނާގެ ޕާޓީން ކާމިޔާބުކުރިތާ ތިން ދުވަސް ފަހުންނެވެ. އާދިއްތަ ދުވަހު އިންތިޚާބު ބާއްވާފައި ވަނީ އިދިކޮޅު ޕާޓީ އިންތިޚާބުން ޑިސްކޮލިފައި ކުރުމަށް ފަހު އެވެ. އިންތިޚާބުގައި ދެން ވާދަކުރީ ވެރިކަންކުރާ ޕާޓީ އަށް ތާއީދުކުރާ ވަރަށް ކުދި ޕާޓީތަކެކެވެ. ދެހާސް ސަތާރަ ވަނަ އަހަރު ހުން ސެން ވަނީ އެންމެ ބޮޑު އިދިކޮޅު ޕާޓީ، ސީއެންއާރްޕީ ކޯޓު މެދުވެރިކޮށް އުވާލުމަށް ފަހު އެ ޕާޓީގެ ލީޑަރުން ޖަލަށް ލައިފަ އެވެ.
ކެމްބޯޑިއާގައި 38 އަހަރު ވެރިކަން ކުރެއްވި އުމުރުން 70 އަހަރުގެ ހުން ސެން ހިމެނިފައި ވަނީ ވަރަށް ޚުދުމުޚުތާރު ވެރިއެއްގެ ގޮތުގަ އެވެ.
ވެރިކަން ހަވާލުކުރައްވާ ހުން ސެންގެ ދޮށީ ދަރިކަލުން އުމުރުން 45 އަހަރުގެ ހުން މަނެޓަކީ ކެމްބޯޑިއާގެ ސިފައިންގެ ވެރިޔާ އެވެ. އޭނާއާ ބޮޑުވަޒީރުކަން ހަވާލުކުރައްވާނީ އޮގަސްޓް 10 ވަނަ ދުވަހު އެވެ. ހުން މަނެޓް ތައުލީމް ހާސިލް ކުރެއްވީ އެމެރިކާގެ މިލިޓަރީ އެކަޑަމީ ވެސްޓް ޕޮއިންޓުންނާއި ބްރިސްޓޮލް ޔުނިވާސިޓީންނެވެ.
ކެމްބޯޑިއާގެ ގައުމީ ޓީވީ މެދުވެރިކުރައްވައި ހުން ސެން ދެއްވި ބަޔާނުގައި ވިދާޅުވީ އިސްތިއުފާ ދެއްވަނީ އޭނާ ވެރިކަމުގައި ހުންނަވައިފި ނަމަ ގައުމު އިތުރަށް ހަލަބޮލިވެދާނެތީ ކަމަށެވެ. ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވި ނަމަވެސް ވެރިކަންކުރާ ކެމްބޯޑިއަން ޕީޕަލްސް ޕާޓީގެ ލީޑަރުކަން ދޫނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
އާބާދީގައި 16 މިލިއަން މީހުން ހިމެނޭ ދެކުނުއިރުމަތީ އޭޝިއާގެ ގައުމުގައި ހުން ސެން ގެންދަވަނީ 1985 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރައްވަމުންނެވެ.