އަންނަ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ ރަނިންމޭޓަކަށް ކުރީގެ އެސިސްޓެންޓް ކޮމިޝަނަރު ޑރ. އަބްދުﷲ ފައިރޫޝް ހަމަޖައްސަން ނިންމައިފި ކަމަށް އެނގިއްޖެ އެވެ.

މިކަމާ ގުޅޭ ގޮތުން އެމްއެންޕީގެ ބަހެއް މިރޭ ލިބޭ ގޮތެއް ނުވި އެވެ. ނަމަވެސް ފައިރޫޝްގެ ކުށުގެ ރެކޯޑް ސާފުކުރުމުގެ މަސައްކަތް އެމްއެންޕީން ކުރަމުން އަންނަ ކަމަށް އިތުބާރުހުރި ގޮތަކަށް އެނގިފައިވެ އެވެ.

އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސްގެ މަގާމުން ފައިރޫޝް ރިޓަޔާ ކުރެއްވީ ޖެނުއަރީ 2، 2021 ގަ އެވެ.

ފުލުހުންގެ ޚިދުމަތުގައި 20 އަހަރު ހޭދަކުރެއްވުމަށްފަހު ދިރިއުޅުއްވީ އޮސްޓްރޭލިއާގަ އެވެ.

ރައީސް މުޙައްމަދު ނަޝީދު 2012 ވަނަ އަހަރުގެ ފެބްރުއަރީ ހަތް ވަނަ ދުވަހު އިސްތިއުފާ ދެއްވުމަށްފަހު ވަގުތީ ގޮތުން ފުލުހުންގެ އިސްވެރިއަކަށް ހުންނެވީ ވެސް ފައިރޫޝް އެވެ.

ފައުރޫޝްއަކީ ފެބްރިއަރީ ހަތެއްގެ "ބަޣާވާތުގެ" ބައިވެރިއެއް ކަމަށް ބުނެ އެމްޑީޕީގެ އިސްބޭފުޅުންނާއި ސަޕޯޓަރުން އަބަދު ވެސް އިނގިލި ދިއްކުރާ ބޭފުޅެކެވެ. އަދި އެމްޑީޕީ އިދިކޮޅުގައި އޮތްއިރު ސޯޝަލް މީޑިއާގައި އޭނާއަށް ފުރައްސާރަކޮށް އެމްޑީޕީގެ އެކްޓިވިސްޓުންނާއި މިހާރު އިސްކޮށް ތިއްބެވި ބޭފުޅުން އެކިހަލަ ވާހަކަތައް ވެސް ދައްކާފައިވެ އެވެ.

ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރި ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލު ފަރުމާ ކުރެވިފައި އޮތީ ފެބްރުއަރީ 7 ގެ "ބަޣާވާތުގައި" ބައިވެރިވި ފުލުހުން ވަކިކުރެވޭ ގޮތަށެވެ.