އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އާއިލާގެ 60 މެމްބަރުންނާ އެކު އެމްޑީޕީ އަށް މިއަދު ސޮއިކުރައްވައިފި އެވެ.

މަޝްހޫރު "ނާސްތާ ހޮޓާ" ހިންގާ ވަހީދުގެ ދަރިކަލުން ހަނަފީ އާއި އާއިލާގެ 60 މެމްބަރުންގެ ފޯމުތަކާ ހަވާލުވެވަޑައިގެންނެވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެވެ. ސޮއިކުރުމުގެ ރަސްމިއްޔާތުގައި ނާސްތާ ވަހީދު ވެސް ބައިވެރިވި އެވެ.

ހަނަފީ ވަނީ ދެވަނަ ދައުރަކަށް ރައީސް ސޯލިހުއަށް ތާއިދު ކުރައްވާކަން ހާމަކުރައްވާ މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހު ޖުމްހޫރީ ޕާޓީން އިސްތިއުފާ ދެއްވައިފަ އެވެ. ޖޭޕީން ހަނަފީ ވަކިވިއިރު، ހުރީ ޖޭޕީގެ ލީޑަރު ގާސިމްގެ އެޑްވައިޒަރަކަށެވެ.

ހަނަފީގެ ހިތްހަމަނުޖެހުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީން ރައީސް ސޯލިހުއަށް ތާއީދުނުކޮށް ވަކީން ވާދަކުރަން ނިންމުމެވެ.

ހަނަފީ ސޮއިކުރައްވައި ފޯމު ރައީސްއާ ހަވާލުކުރައްވަނީ. ފޮޓޯ | އެމްޑީޕީ

ހަނަފީ ޖޭޕީން އިސްތިއުފާ ދީފައިވަނީ ޖުމްހޫރީ ޕާޓީގެ ވިސްނުން މިވަގުތު ހުރި ގޮތުން އެއީ ދިވެހި ގައުމަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް ގަބޫލު ނުކުރެވޭތީ ކަމަށް ވިދާޅުވެ އެވެ.

ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހޭދަކުރި ދުވަސްތަކަކީ ޕާޓީއަށް އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެވުނު ދުވަސްތަކެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ހަނަފީ ވިދާޅުވި އެވެ. އަދި ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހޭދަކުރި ދުވަސްތަކުގައި ޕާޓީގެ ލީޑަރެއްގެ ހައިސިއްޔަތުން ގާސިމް ބެހެއްޓެވި ގާތްކަމަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށް ވެސް ހަނަފީގެ ސިޓީގައިވެ އެވެ.

ހަނަފީ ޕާޓީން ވަކިވި އިރު އޭނާ ދެން ހުންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު ކަމަށް އެނގިފައިވެ އެވެ.

އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގައި ހަނަފީ ހުންނަވަނީ ޖޭޕީ އަށް މިސަރުކާރުގެ ކޯލިޝަނުން ލިބުނު ސްލޮޓެއްގަ އެވެ.