ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރުމަށް ނިންމާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިންތިހާބުގައި ވާދަކުރެއްވުމަށް ބޭނުންވާ ސޮއި ހަމަކުރައްވައިފި އެވެ.

އަމިއްލަ ގޮތުން ވާދަކުރުމަސް ބޭނުންވާ ކެންޑީޑޭތުން 1500 މީހުންގެ ސޮއި ހަމަ ކުރަން ޖެހެއެވެ. ސިޔާސީ ޕާޓީ އަކުން ވާދަކުރާ ކެންޑިޑޭޓެއް ސޮއި ހަމަ ކުރާކަށް ނުޖެހެ އެވެ.

އެކަން އިއުލާން ކުރެއްވުމަށް މިއަދު ފޭސްބުކް މެދުވެރިކޮށް ގެނެސްދިން ރަސްމިއްޔާތެއްގައި އުމަރު ވިދާޅުވީ އިންތިހަބުގައި ވާދަކުރުމަށް 2000 މީހުންގެ ސޮއި ލިބިފައިވާ ކަމަށެވެ. އުމަރު ވިދާޅުވީ ސޮއި ހަމަ ކުރީ އެންމެ ފަސް ދުވަހުން ކަމަށެވެ.

އުމަރު ވިދާޅުވީ މިއީ ރައީސް ޞާލިހު ވެރިކަމުން ބާލަން ހިންގާ ކެމްޕެއިނެއް ނޫން ކަމަށާ މިއީ ގައުމުގެ މިސްރާބު ބަދަލުކުރުމަށް ކުރިއަށް ގެންދާ ކެމްޕެއިނެއް ކަމަށެވެ.

އުމަރަކީ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަން އެންމެ ފުރަތަމަ އިއުލާން ކުރައްވާ ކެމްޕެއިން ފެށި ބޭފުޅާއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހަބު ބޭއްވުމަސް ހަމަ ޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުޅުވާލައިފަ އެވެ. އެފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 7 ވަނަ ދުވަހާއި ހަމައަށެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުން ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަންވާނީ އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން މި ތަކެތި ބަލައިގަންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 ން މެންދުރުފަހު 2:00 އަށެވެ. ހުކުރު ދުވަހުގައި ފޯމު ބަލައިގަންނާނީ މެންދުރުފަހު 2:00 ން ހަވީރު 4:00 އަށެވެ.