ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ރަނިންމޭޓަކަށް ވުމަށް އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ބޭފުޅަކު ހަމަޖެއްސުމަށް ރައީސް މުހައްމަދު ނަޝީދު ދައުވަތު ދެއްވައިފި އެވެ.
ރައީސް ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ކެމްޕެއިނަށް އައްޑުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވަނީ އިލްޔާސްގެ ރަނިންމޭޓަކަށް ޕީޕީއެމްގެ މެމްބަރަކު ހަމަޖެއްސުމަށް ދައުވަތު ދެއްވާފަ އެވެ.
އެމްޑީޕީ ތެރެއިން ހަމަނުޖެހުން އުފެދި ޑިމޮކްރެޓްސް އުފެދި އެ ހިތްހަމަނުޖެހުމުގައި ތިބި ރައްޔިތުންނާއި ޕީޕީއެމްގެ ކިތަންމެ ބަޔެއްގެ ވޯޓާ އެކު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ދާނެ ކަމަށާއި އިންތިހާބު ކާމިޔާބު ކުރަނީ ވެސް ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބު ކަމަށް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް ޔަމީންއަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ގެއްލިފައި ކަމަށާއި އެހެންވީމާ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސްގެ ރަނިންމޭޓަކަށް ޕީޕީއެމްގެ ބޭފުޅަކު ހަމަޖެއްސުމަށް ރައީސް ނަޝީދު ވަނީ ދައުވަތު ދެއްވައިފަ އެވެ.
"ރައީސް ޔާމީނަށް މި ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭ ގޮތް މިވަނީ ނުވެފައި. އަޅުގަނޑު ޕީޕީއެމްގެ ލޮބުވެތި މެމްބަރުންގެ ކިބައިން އަދި ރައީސް ޔާމީނާއި ޕީޕީއެމްގެ ލީޑަރުންގެ ކިބައިން ވަރަށް އިހުލާސްތެރި ކަމާއެކު އެދެން އިލްޔާސް ލަބީބުގެ ރަނިން މޭޓެއްގެ ގޮތުގައި ތިޔަބޭފުޅުންގެ ބޭފުޅަކު ހުށަހެޅުމުގެ ފުރުސަތު އޮތީ ވަރަށް ފުޅާކޮށް ހުޅުވިފައި،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ޑިމޮކްރެޓްސްގެ އަބަދުވެސް އަމާޒަކީ ދިވެހިރާއްޖޭގައި ދިވެހި ރައްޔިތުންނަށް އެދޭ ރައްޔިތުންގެ ފަރަގު ތަފާތުކުރާ ހެޔޮ ވެރިކަމެއް ރައްޔިތުންނަށް ލިބުން ކަމަށެވެ.
ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓަކަށް ވުމަށް ޕީޕީއެމް އަށް ރައީސް ނަޝީދު ދައުވަތު ދެއްވިއިރު ޕީޕީއެމް އިން މިއަދު ވަނީ އެޕާޓީގެ ރިޔާސި ކެންޑިޑޭޓްގެ ރަނިންމޭޓަކަށް ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ހަމަޖައްސަވާފަ އެވެ.
ރިޔާސީ އިންތިހާބާ ގުޅޭގޮތުން މީގެ ކުރިން ޑިމޮކްރެޓްސް އާއި ޕީޕީއެމް ކޯލިޝަނުން މަޝްވަރާތައް ކުރިއަށް ގެންދިޔަ ނަމަވެސް މިހާރު އެމަޝްވަރަތައް ވަނީ ހުއްޓިފަ އެވެ. ޕީޕީއެމް އިން އަބަދުވެސް ބުނަމުން އައީ އެޕާޓީ އިން އެހެން ޕާޓީއެއްގެ ފަހަތަށް ނާރާނެ ކަމަށާއި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ.