އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްއާރުއެމް އިން އެޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލި ފުރުސަތުގައި ވާދަކުރެއްވީ އެންމެ މެމްބަރެއްކަމުން ޕްރައިމަރީ ނުބާއްވާ ރިޔާސީ ޓިކެޓު ފާރިސްއަށް ދިނުމަށް އެޕާޓިން ނިންމައިފި އެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްއާރުއެމް އިން އެޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލާފައިވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ. ޕާޓީގެ ޕްރައިމަރީ އަށް ކުރިމަތިލައްވާފައިވަނީ އެޕަޓީގެ ރައީސް ފާރިސް މައުމޫން އެކަންޏެވެ.

އެމްއާރުއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް " ހުރިހާ" އަށް ވިދާޅުވީ ޕާޓިގެ ޕްރައިމަރީގައި ވާދަކޮށްފައިވަނީ އެންމެ މެމްބަރަކަށްވާތީވެ ޕްރައިމަރީ އެއް ނުބާއްވަން ނިންމަފައިވާ ކަމަށެވެ.

އަލީމް ވިދާޅުވީ ރިޔާސީ ޓިކެޓު ފާރިސް އަށް އަރުވާނީ ޕާޓީގެ އެކްސްކޯ ބައްދަލުވުމަށް ފަހު އެކްސްކޯއިން ކަމަށެވެ.

"އެކަކު ކުރިމަތިލީމަ އަސާސީ ގަވާއިދު ބުނާ ގޮތުން ޕްރައިމަރީ ބާއްވާކަށް ނުޖެހޭ އެހެން ނަމަވެސް އެކްސްކޯ އިން އެންޑޯސް ކުރަނީ އެމެމްބަރަކަށް ޓިކެޓު ދޭން ވަރަށް އަވަހަށް އެކްސްކޯ ބައްދަލުވުމެއް ބާއްވާނެ" އަލީމް ވިދާޅުވި އެވެ.

މީގެ އިތުރަށް އަލީމް ވިދާޅުވީ އަމިއްލަ ގޮތުން ވާދަކުރެއްވުމަސް ފާރިސް މިހާރުވެސް ސޮއި ހަމަ ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ވަރަށް ބޮޑު ބައި ފުރިހަމަ ވެފައިވާ ކަމަށް އަލީމް ވިދާޅުވި އެވެ.

ރިޔާސީ އިންތިހަބަސް ނިކުންނެވުމަށް ފާރިސްގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

އެމްއާރުއެމްގައި ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވެގެން ދެ ވަނަ ނޯޓިސްއެއް ދިނުމަށް ފަހު ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނިންމާފަ އެވެ.

ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާތީ އެކަމުގައި ގޮންޖެހުންތަކެއް ހުރެދަނެތީ ފާރިސް މިހާރު ވަނީ އިންތިހާބުގައި އަމިއްލަގޮތުން ވާދަ ކުރެއްވުމަށް ނިންމަވާފައި ކަމަށެވެ. އަމިއްލަގޮތުން ވާދަކުރެއްވުމަށް މެމްބަރުންގެ ސޮއި ހަމަ ކުރުމުގެ މަސައްކަތްވެސް ފާރިސް ވަނީ ފަށާފައެވެ.