އަންނަ ޖުލައި މަހުގެ ތެރޭގައި ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ތާއީދުކުރައްވާ އެމްޑީޕީގެ ގިނަ މެމްބަރުން މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވައިފި އެވެ. މިގޮތަށް ބައެއް މެމްބަރުން ވާހަކަފުޅުދެއްކެވީ ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ގާނޫނު އިސްލާޙު ކުރުމަށް ހުށައަޅުއްވާފައިވާ ބިލަށް ބަހުސް ކުރައްވަމުންނެވެ.

މި ބިލަށް ބަހުސް ކުރައްވަމުން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވަނީ މިދަނޑިވަޅުގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަމަށް ބޭނުންވާ ޚަރަދުތައް ވެސް ކުރުމަށް ފައިސާ ނުލިބިގެން އުޅޭ ދުވަސްވަރަކަށްވާއިރު، 50 މިލިޔަން ރުފިޔާ މިދަނޑިވަޅުގައި ޚަރަދުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްތޯ ސުވާލު ކުރައްވާފަ އެވެ.

ސަލީމް ވިދާޅުވީ އެއްކޮޅުގައި ހުރީ ކޮންޓެކްޓް ވިޔަ ނުދިނުމަށް މަސައްކަތް ކުރައްވާ ޑިރެކްޓަ ޖެނެރަލް އޮފް ހެލްތް ކަމަށާއި އަނެއްކޮޅުގައި ހުރީ ކޮންޓެކްޓް ވުމާނުލާ މަސައްކަތް ނުކުރެވޭނެ އިލެކްޝަންސް ކޮމިޝަން ކަމަށެވެ. އެހެންކަމުން ޑިރެކްޓަ ޖެނެރަލް އޮފް ހެލްތް ހައްދަވާ ގައިޑްލައިންއަކަށް އިލެކްޝަންސް ކޮމިޝަނަށް މިނިވަންކަމާއެކު ޙަރަކާތްތެރިވެ އިންތިޚާބު ބޭއްވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ސަލީމް ވިދާޅުވި އެވެ.

މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި ރިޔާސަތުގައި އިންނެވި އީވާ އަބްދުﷲ ސެކްޓޭރިއަޓްގެ ބޭފުޅަކާ ވާހަކަދައްކަވަނީ. ފޮޓޯ: މަޖްލިސް

"އިންތިޚާބުގެ އެންމެ މުހިއްމު ދަނޑިވަޅުގައި ކޮމިޝަންގެ ރައީސް ޕޮޒިޓިވި ވެއްޖެނަމަ ކިހިނެއްތޯ ހަދާނީ؟ ކޮމިޝަންގެ ހުރިހާ މެމްބަރުން ކަރަންޓީނަށް ގޮއްސިއްޔާ ކިހިނެއްތޯ ވާނީ؟ ވޯޓުލާ މަރުކަޒުގައި ތަމްރީން ކުރާ އޮފިޝަލުން ޕޮޒިޓިވް ވެއްޖިއްޔާ ކިހިނެއްތޯ ވާނީ؟" ސަލީމް ވިދާޅުވީ މިއީ ވިސްނަންޖެހޭ ކަންތައްތައް ކަމުގަ އެވެ. އަދި ވޯޓްލާ މަރުކަޒުތަކުގައި ޑިސްއިންފެކްޓްކުރުމާއި ޕީޕީއީ ހޯދުމާއި ޓެމްޕަރޭޗަރު ބެލުމާއި މިއިން ކޮންމެ ކަމަކަށް އިތުރު ފައިސާ ޚަރަދުވާނެ ކަމަށް ވިދާޅުވި އެވެ.

މިދިޔަ 15 ވަނަ ދުވަހުގެ ތެރޭގައި 600 އަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެއްޖެ ކަމަށާއި މިއީ އެންމެ އިންތިޚާބު ބާއްވަން ރަނގަޅު ވަގުތު ތޯ ވެސް ސަލީމް ސުވާލުކުރެއްވި އެވެ.

އަޅުގަނޑުމެނަށް ވެކްސިންއާއި ވަރަށް ގާތަށް އާދެވިފަ މިވަނީ. މިމަހުގެ ތެރޭގައި ވެކްސިން ގެނެވޭތޯ ސަރުކާރުން މަސައްކަތް ކުރަނީ. ވެކްސިން ގެނެސް މޭމަހާއި ހަމަޔަށް މުޅި ރާއްޖޭގެ ރައްޔިތުންނަށް ވެކްސިންދީ ނިމޭނެކަމަށް ސަރުކާރުން ލަފާކުރަނީ. އަޅުގަނޑު ދެކެނީ ޖޫން މަހާއި ހަމަޔަށް އިންތިޚާބް ފަސްކޮށްފިނަމަ ކިތަންމެ ޚަރަދަކުން ސަލާމަތްވެ، މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ފުރުސަތު ލިބިގެންދާނެއޭ،
މެމްބަރު ސަލީމް

"އަޅުގަނޑުމެނަށް ވެކްސިންއާއި ވަރަށް ގާތަށް އާދެވިފަ މިވަނީ. މިމަހުގެ ތެރޭގައި ވެކްސިން ގެނެވޭތޯ ސަރުކާރުން މަސައްކަތް ކުރަނީ. ވެކްސިން ގެނެސް މޭމަހާއި ހަމަޔަށް މުޅި ރާއްޖޭގެ ރައްޔިތުންނަށް ވެކްސިންދީ ނިމޭނެކަމަށް ސަރުކާރުން ލަފާކުރަނީ. އަޅުގަނޑު ދެކެނީ ޖޫން މަހާއި ހަމަޔަށް އިންތިޚާބް ފަސްކޮށްފިނަމަ ކިތަންމެ ޚަރަދަކުން ސަލާމަތްވެ، މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ފުރުސަތު ލިބިގެންދާނެއޭ،" ސަލީމް ވިދާޅުވި އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަޠީފް ވަނީ މިއިސްލާހުގައި ކުރުކުރަން ހުށައަޅާފައިވާ މުއްދަތުތައް ކުރުނުކޮށް އިންތިޚާބު ބޭއްވުމަށް ވާހަކަ ދައްކަވާފަ އެވެ. އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަދުން ހުސެއިން) ވެސް ވަނީ ކޮވިޑްގެ ޙާލަތުގައި މިހާރު މިއޮތް ގޮތަށް ގެންދިއުމާމެދު ކަންބޮޑުވުން ހުރިކަން ފާޅުކުރައްވާފަ އެވެ.

މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް. ފޮޓޯ: މަޖްލިސް

މި ބިލަށް ވާހަކަ ދެއްކެވި އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ އިންތިޚާބު މިހާރު ބޭއްވުމަށް މަސައްކަތް ކުރަމުންދާ ތާރީޚުގައި އިންތިޚާބު ނުބޭއްވޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ކޮމިޓީ މަރުހަލާގައި މިކަމަށް އިތުރަށް މަޝްވަރާކޮށް، އިންތިޚާބު ބޭއްވޭނެ އެންމެ ރަނގަޅު ވަގުތަކަމާމެދު ގޮތްތަކެއް ކަނޑައެޅިގެންދާނެ ކަމަށް އުންމީދު ކުރާކަމަށް ވިދާޅުވެފަ އެވެ.

މި ގާނޫނަށް ހުށައަޅާ އިސްލާހުގައި ވަނީ، ގާނޫނު އިސްލާހުކުރާތާ ހަތް ދުވަހުގެ ތެރޭގައި އިންތިހާބު ބޭއްވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށަން ޖެހޭނެ ކަމަށެވެ. ނަމަވެސް، އެ މާއްދާގައި (ށ) އިސްލާހުކޮށްފައިވަނީ، ސިއްހީ ކުއްލި ހާލަތު ދެމި އޮވެއްޖެނަމަ، އީސީން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދަންވާނީ، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތަކާ އެއްގޮތަށް ކަމަށެވެ.