ޓެރަރިސްޓް ޖަމާއަތްތަކަށާއި ޓެރަރިސްޓުންނަށް ފައިސާގެ ގޮތުން އެހީތެރިވެދޭ ކަމުގެ ތުހުމަތުގައި ބައެއް ދިވެހިންނާއި ދިވެހި ކުންފުނިތަކަށް ހިމެނޭހެން އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީޒް އޮފީސް އެންޑް ފޮރިން އެސެޓްސް (އޯފެކް) އިން ގައުމުގެ އިގުތިސާދަށް ލިބޭނެ ގެއްލުން ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް މިއަދު ހުށަހަޅައިފި އެވެ.

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ބުނެފައި ވަނީ 2021 ވަނަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމަޒުކޮށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިންކުއަރީ އިން ވެސް ޓެރަރިޒަމްގެ ބިރުވެރިކަން ރާއްޖޭގައި އޮތް މިންވަރު ވަޒަންކުރުމުގެ އިތުރުން އެއިންކުއަރީގެ ތެރެއިން ފާހަގަވި ކަންކަމުގެ މައްޗަށް ސަރުކާރަށް ރިކޮމެންޑޭޝަންތަކެއް ދީފައިވާއިރު އެ ރިކޮމެންޑޭޝަންތަކަށް ޢަމަލު ކުރެވިފައިވާ މިންވަރާ ބެހޭ މައުލޫމާތު ސަރުކާރުން ހާމަކޮށްކޮށްފައި ނުވާ ކަމަށެވެ.

އެމެރިކާއިން ނެރުނު ރިޕޯޓައި ގުޅިގެން ދިވެހިރާއްޖޭގެ ނަމަށާއި އިގްތިސާދަށް އަސަރުކުރާނެ ނިންމުމެއް ކަމަށް ބެލޭވެތީ ޓެރަރިޒަމްގެ ނުރައްކަލާއި ބިރުވެރިކަން އޮތް މިންވަރު ދިރާސާކުރުމަށްފަހު އޭގެ އަސަރު ވީހާ ވެސް ކުޑަވާނެ ގޮތަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ނާޒިމްގެ ގަރާރުގައި ބުނެފައިވެ އެވެ. އެހެންވީމާ އެކަންކަން ބަލާ، ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރުމަށް ގަރާރުގައި ގޮވާލާފައިވެ އެވެ.

އަދި އެ ރިޕޯޓާއި ގުޅިގެން ދިވެހި ސަރުކާރުން އެއްވެސް އެއްޗެއް ބުނެފައި ނުވާތީ ނާޒިމް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީ އިން މިއަދު ނެރުނު ބަޔާނުގައި ވަނީ ރާއްޖޭގައި އަލްގައިދާ އާއި އައިސިސް އަށް ތާއީދު ކޮށް ޓެރަރިޒަމަށް ފަންޑު ކުރާ 20 ދިވެއްސަކާއި 29 ކުންފުންޏެއް ކަނޑައަޅައި އެ ފަރާތްތަކުގެ ނަން ހާމަ ކޮށްފަ އެވެ.

އޭގެ ތެރޭގައި ރާއްޖޭގައި ހިންގާ ޓެރަރިސްޓް ސެލްތަކުގެ މީހުންނާއި ބޮޑެތި ކުށް ކުރާ ނުރައްކާތެރި ގޭންގުތަކުގެ މީހުންނާއި ވަކިވަކި ފަރުދުން ހިމެނެ އެވެ.