އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ފަރާތުން ވާދަކުރައްވާ އަހްމަދު ފާރިސް މައުމޫނުގެ އިންތިހާބީ އެޖެންޓަކަށް އެޕާޓީގެ ކައުންސިލް މެމްބަރު އިސްމާއީލް ޒަބީހު ހަމަޖައްސައިފި އެވެ.

އެމްއާރުއެމް ގެ ޕްރައިމަރީއަށް ހުޅުވާލި ފުރުސަތުގައި ޕާޓީގެ ޕްރައިމަރީ އަށް ކުރިމަތިލައްވާފައިވަނީ އެޕަޓީގެ ރައީސް ފާރިސް މައުމޫން އެކަންޏެވެ. އެހެންވެ މިހާރު އެޕާޓީ އިން ނިންމާފައި ވަނީ ޕްރައިމަރީ އަކާ ނުލާ ފާރިސް އަށް ޓިކެޓު ދިނުމަށެވެ.

ޒަބީހު މީގެ ކުރިން ހުންނެވީ އެމްއާރުއެމްގެ ސްލޮޓެއްގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓި މިނިސްޓަރެއްގެ މަގާމުގަ އެވެ. އެހެން ނަމަވެސް މިދިޔަ ޖޫން މަހު އޭނާ ވަނީ އެމަގާމުން އިސްތިއުފާ ދީފަ އެވެ.

އެމްއާރުއެމްގައި ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވެގެން ދެ ވަނަ ނޯޓިސްއެއް ދިނުމަށް ފަހު ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނިންމާފަ އެވެ.

އެ ނިންމުން ބާތިލްކޮށްދިނުމަށް އެ ޕާޓީން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާތީ އެ މައްސަލަ ބަލައި ހުކުމް ކުރެވެންދެން އެ ޕާޓީއަކީ އުވާލެވިފައިވާ ޕާޓީއެއް ކަމުގައި ނުބެލުމަށް އެ ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ.