ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންއަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އަލުން ކެންޑިޑަސީ ހުށަހެޅުމުގެ ފުރުސަތު ދިނުމަށާއި އެމަނިކުފާނަށް ވާދަނުކުރެވިއްޖެ ހާލަތެއްގައި ޕީޕީއެމް އިން އިތުރު ކެންޑިޑޭޓެއް ނެރުމުގެ ފުރުސަތު އަލުން ދިނުމަށް އެދި ރައީސް ޔާމީންގެ ފަރާތުން ގިނަ ކަންތައްތަކެއް ހުށަހަޅައިފި އެވެ.

ކުރީގެ ރައީސް ޔާމީން ރިޔާސީ އިންތިހާބަށް ކުރިލައްވައި ހުށަހެޅުއްވި ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް މައްސަލައިގެ ޝަރީއަތް މިހާރު ސުޕްރީމް ކޯޓުގައި ވަނީ ފަށައިފަ އެވެ.

އެ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީންގެ ފަރާތުން ގިނަ ކަންތައްތަކެއް ހުށަހަޅާފައިވެ އެވެ. އެގޮތުން ރައީސް ޔާމީނަށް އަލުން ކެންޑިޑަސީ ހުށަހެޅުމުގެ ފުރުސަތު ދިނުމަށާއި ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭ ހާލަތެއްގައި ޕީޕީއެމް އިން އަލުން ކެންޑިޑޭޓެއް ނެރުމަށް ފުރުސަތު ދިނުމަށް ހުށަހަޅާފައިވެ އެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި މިއަދު ކުރިޔަށް ގެންދަނީ.

މީގެ އިތުރުން ރައީސް ޔާމިންއާ އެއްކޮޅަށް މައްސަލަ ނިމިއްޖެ ނަމަ އެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ދިނުމަށާއި އިލެކްޝަންސް ކޮމިޝަނުން ޔާމީންގެ ކެންޑިޑަސީ ބާތިލް ކުރީ ރަނގަޅަށް ނޫން ކަމަށް ކަނޑައަޅައި ދިނުމަށް ވެސް އެދިފައިވެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ޔާމީންގެ ކެންޑިޑަސީ ބަލައި ނުގަންނަން ނިންމީ ގާނޫނު އަސާސީގެ 109 ވަނަ މައްދާގެ (ޅ)ގައި ވާގޮތާ ހިލާފަށް ކަމަށް ޔާމީންގެ ވަކީލުން ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި މިއަދު ކުރިޔަށް ގެންދާއިރު ރައީސް ޔާމީންގެ ވަކީލް ހަމްޒާ ލަތީފް ވާހަކަދައްކަވަނީ.

ރައީސް ޔާމީން އަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ކޮމިޝަނުން ފަހިކޮށްދީ އިންތިހާބުގައި ބައިވެރިވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭ ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސައިދިނުމަށް ވެސް ވަނީ އެދިފަ އެވެ.

"އަބްދުﷲ ޔާމީނަށް، އެބޭފުޅާގެ ކެންޑިޑެސީ ހުށަނޭޅޭ ހާލަތެއްގައި ނަމަ ޕީޕީއެމަަށް އިތުރު ހުށައެޅުމެއް ހުށައެޅުމުގެ ފުރުސަތު ފޯރުކޮށް ދިނުމަށް އަދި އޭގެ އިތުރުން އަބްދުﷲ ޔާމީނަށް ވެސް މި ކޯޓުން ނިންމަވާ ގޮތަކުން ކެންޑިޑެސީ ހުށައަޅަން ފުރުސަތު ލިބޭ ހާލަތުގައި އެ ހުށައެޅުން ހުށައެޅުމަށް ފުރުސަތު ފަހިކޮށް ދިނުމަށް، އަޅުގަނޑު ހުށަހަޅަން،" ރައީސް ޔާމީންގެ ގާނޫނީ ވަކީލް ހަމްޒާ ލަތީފް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުޅުވާލާފަ އެވެ. އެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 7 ވަނަ ދުވަހާ ހަމައަށެވެ. ރައީސް ޔާމީންއަށް އިންތިހާބުގައި ވާދަ ނުކުރެވޭތީ އެމަނިކުފާނު ވަނީ ޕީއެންސީ އިން ކެންޑިޑޭޓަކު ނެރުމަށް އެދިފަ އެވެ.