ހައިކޯޓަށް ހުށަހަޅާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފްގެ މައްސަލަތައް ދިގުލައިގެން ދިޔުމާ އެ މައްސަލަތައް ނުނިމުމަކީ އެމަނިކުފާނުގެ ކުށެއް ނޫން ކަމަށް ވިދާޅުވެ އެކަމުގެ އުދާސްތައް ސުޕްރީމް ކޯޓުގައި ބޭރުކޮށްލައްވައިފި އެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލާގައި މިރޭ ސުޕްރީމް ކޯޓުގައި ކުރިޔަށް ގެންދިޔަ ޝަރީއަތުގައި ރައީސް ޔާމީން ވާހަކަ ދައްކަވަމުން ވިދާޅުވީ ވިދާޅުވީ އިސްތިއުނާފު ކުރުމާއި އިންތިހާބުގައި ވާދަކުރުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ހައްގެއް ކަމަށެވެ. އަދި ކެންޑިޑަސީގެ މައްސަލަ ނިކުމެގެން މިއުޅެނީ އެމަނިކުފާނަށް އަދުލުވެރި ޝަރީއަތެއް ނުލިބިގެން ކަމަށް ޔާމީން ވިދާޅުވި އެވެ.

"ކީއްވެގެންތޯ މި މައްސަލަ ނުނިމެންވީ،" ހައިކޯޓުގައި އޮތް އެމަނިކުފާނުގެ އިސްތިއުނާފް މައްސަލަ ދިގުލައިގެން ދާތީ ފަނޑިޔާރުންނާ ސުވާލުކުރެއްވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ހައިކޯޓުގައި އޮތް އިސްތިއުނާފްގެ މައްސަލަ ގަވައިދުން ކުރިއަށް ގެންދިޔަނަމަ މިހާރު އޮންނާނީ އެ މައްސަލަ ނިމިފައި ކަމަށާއި އިލެކްޝަންސް ކޮމިޝަނުން އެމަނިކުފަނުގެ ކެންޑިޑަސީ ގަބޫލު ނުކުރަން ނިންމާފައި ވަނިކޮށް ހައިކޯޓުގައި އޮތް މައްސަލައިން އެމަނިކުފަނު ސަލާމަތް ވެއްޖެ ނަމަ އެހައްގުތައް ހޯދައިދެވޭނެތޯ ސުވާލު އުފެއްދެވި އެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި މިރޭ ކުރިޔަށް ގެންދާއިރު އެ މަނިކުފާނު ވާހަކަދައްކަވަނީ.

"ފަނޑިޔާރުން ޗުއްޓީއަށް ވަޑައިގެންނެވީ އެހެންވީމަ އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ ފަނޑިޔާރުން މިކަމުގައި ގޮތެއް ނިންމަވާ އިރު، ހުރިހާ ކަމަކީ މަޖިލިސް ތެރެއިން ނިމޭނެ ކަމެއް ނޫން. ހުރިހާ ކަމަކީ ގާނޫނުގައި ލިޔާ ކަންތައްތަކެއް ނޫން. ވަރަށް ގިނަ ކަންކަން ކުރަނީ ފަނޑިޔާރުންގެ ވިސްނުންފުޅާއި ނުކުމެދާނެ މައްސަލަތަކާއި ވަކި ގޮތަކަށް ނިންމައިފި ކަމުގައިވާ ނަމަ، އޭގެ ނަތީޖާ ނުކުމެދާނެ ގޮތްތަކާ ބެހޭ ގޮތުން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެތައް ފަހަރެއްގެ މަތިން އިސްތިއުނާފްގެ މައްސަލަ އަވަހަށް ނިންމައިދޭން ހައިކޯޓުގައި އެދިފައި ވާނެ ކަމަށެވެ. އެހެން ނަމަވެސް އެ މައްސަލަ ދިގުލައިގެން ގޮސް ނުނިމުމަކީ އެމަނިކުފާނުގެ ކުށެއް ނޫން ކަމަށް ވިދާޅުވި އެވެ.