މާލެއަށާއި ސިނަމާލެ ބްރިޖާއި ހައިވޭ ގުޅުނު ސަރަހައްދަށް ވަރަށް ބޮޑަށް އުދައަރާ ބަޔަކަށް އަނިޔާވެއްޖެ އެވެ.

ކޮންމެ އަހަރެއްގެ ވެސް ހުޅަނގު މޫސުމުގައި މިދުވަސްވަރު މާލެ އިރުމަތީ ފަރަތައް އަބަދުވެސް އުދަ އަރަ އެވެ. އެހެން ނަމަވެސް މިއަދު މެންދުރުން ފެށިގެން މާލޭ އިރުމަތީ ފަރާތު ރާޅުގަނޑު އުދަ އަރައި މަގުތަކުގައި ވަނީ ފެން ބޮޑުވެފަ އެވެ. އުދައިގެ ރާޅާއެކު ވެއްޔާއި ގާ ވެސް ވަނީ ވަރަށް ބޮޑަށް އެއްގަމަށް އަރާފަ އެވެ.

މީގެ އިތުރުން ސިނަމާލެ ބްރިޖާއި ހައިވޭ ގުޅުނު ސަރަހައްދަށް ވެސް އުދަ އަރާ އެތަށް ބަޔަކަށް ވަނީ އަނިޔާވެފަ އެވެ.

ބްރިޖް އަށް އުދައަރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ބްރިޖްއާއި ހައިވޭ ގުޅޭ ޓްރެފިކް ލައިޓްގައި ބަޔަކު މަޑުކޮށްގެން ތިއްބާ ރާޅުއަރާ ސައިކަލުގައި މަޑުކޮށްގެން ތިބި މީހުން ވެއްޓި އެކި ވަރުގެ އަނިޔާ ވަނީ ލިބިފަ އެވެ.

ބްރިޖާއި ހައިވޭ ގުޅޭ ސަރަހައްދުގައި ހުރި ޓްރެފިކް ލައިޓްތައް ވެސް ވަނީ ނިވިފަ އެވެ. ފުލުހުން އެސަރަހައްދު ބަންދު ކޮށްފައިވާއިރު، މިހާރު ވަނީ ހުޅުވާލާފަ އެވެ.

ފުލުހުން ބުނީ މާލެ އެކި ސަރަހައްދުތަކަށް އުދަ އަރަމުންދާތީ ސަމާލުވުމަށް އެދިފަ އެވެ. ހާއްސަކޮށް، މާލެ އާއި ހުޅުމާލެ އާ ދެމެދު، އުދައެރުން ހުއްޓެންދެން، ޒަރޫރީ ދަތުރުތައް މެނުވީ ނުކުރުމަށް ވެސް ފުލުހުން އެދެ އެވެ. ޒަރޫރީ ދަތުރުތައް ކުރުމަށް ވެސް، ހަތަރު ފުރޮޅުލީ އުޅަނދު ބޭނުން ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.