އަންނަ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީ އާއި ދަ ޑިމޮކްރެޓްސް ގުޅިގެން އެއް ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާތައް އަނެއްކާ ވެސް ފަށައިފި އެވެ.

ދަ ޑިމޮކްރެޓްސް އާއި ޖޭޕީ އެއް ކެންޑިޑޭޓެއް ނެރެން މަޝްވަރާ ބައްދަލުވުން ބާއްވާފައި ވަނީ މިއަދު 6:30 ހާއިރު އެވެ. ޑިމޮކްރެޓްސްގެ ފަރާތުން ހުސައިން އަމްރު އާއި މުހައްމަދު ޝިފާޒްގެ އިތުރުން މެމްބަރު އަލީ އާޒިމް ބައިވެރިވި އެވެ.

މިބައްދަލުވުމުގެ އެއްވެސް ތަފްސީލެއް ޖޭޕީ އިން ވެސް އަދި ޑިމޮކްރެޓްސް އިން ވެސް ނުދެ އެވެ.

ޖޭޕީއާއި ޑިމޮކްރެޓްސް ގުޅިގެން އެއް ކެންޑިޑޭޓަކު ނެރުމަށް މަސައްކަތް ކުރަމުން އަންނައިރު، މީގެ ކުރިން ވަނީ މޯލްޑިވްސް ނޭޝަނަލް ޕާޓީ ހިމެނޭހެން އެއް ކެންޑިޑޭޓެއް ނެރުމަށް މިދިޔަ މަހު ވެސް މަޝްވަރާ ކޮށްފައިވެ އެވެ.

މީގެ ކުރިން ވަކިވަކި ޕާޓީތަކުން މަޝްވަރާ ބައްދަލުވުން ބާއްވާފައިވެ އެވެ. އެހެން ނަމަވެސް އެކަމުގައި ކުރިމަގެއް ފެނިފައެއް ނުވެ އެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަ ޖެހިފައި ވަނީ ސެޕްޓެމްބަރު 9 ވަނަ ދުވަހު އެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ހުޅުވާލާފަ އެވެ. އެ ފުރުސަތު ހަމަވާނީ ހޯމަ ދުވަހަށެވެ.