ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެންގެވުމާ ހިލާފަށް ރިޔާސީ އިންތިހާބުގައި ވާދަކުރަން ޕީޕީއެމް، ޕީއެންސީގެ ސެނެޓުން ނިންމި ނިންމުން ގަބޫލުނުކުރައްވާކަން އެމަނިކުފާނު އަންގަވައިފި އެވެ.

ޔާމީން މިފަދައިން އެންގެވީ އަނބިކަނބަލުން ފާތިމަތު އިބްރާހީމަށް މިރޭ ކުރެއްވި ފޯނު ކޯލެއްގަ އެވެ.

ރައީސް ޔާމީނަށް ވާދަނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން މިއަދު ހެނދުނު ތާއީދުކުރުމާ އެކު ޔާމީން ޕީޕީއެމް-ޕީއެންސީގެ ލީޑަޝިޕަށް ފޮނުއްވި ނޯޓެއްގައި ވަނީ، އިންތިހާބު ބޮއިކޮޓްކުރަން އަންގަވާފަ އެވެ. އެ އެންގެވުމާ ގުޅިގެން ޕާޓީގެ ލީޑަޝިޕުން ބޭއްވި ބައްދަލުވުމުގައި ނިންމީ ސެނެޓަށް ގެންގޮސް، އެކަމާ ގުޅޭ ގޮތުން ސެނެޓުގައި ވޯޓެއް ނެގުމަށެވެ.

އެނގިފައިވާ ގޮތުގައި ޕީޕީއެމް/ޕީއެންސީ ސެނެޓްގައި ނެގި ވޯޓުގައި 67 މެމްބަރުން ވޯޓު ދެއްވީ އިންތިހާބު ބޮއިކޮޓް ކުރުމާ ދެކޮޅަށެވެ. ބޮއިކޮޓް ކުރަން ފެންނަ ކަމަށް 46 މެމްބަރުން ވޯޓު ދެއްވި އެވެ.

އޭގެ އިތުރުން، ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ފައިނަލް ކެންޑިޑޭޓެއް ކަނޑައެޅުމަށް ކުރީގެ ރައީސް ޔާމީންއާ މަޝްވަރާ ކުރަން ވެސް ޕީޕީއެމް/ޕީއެންސީ ސެނެޓުން ނިންމި އެވެ.

ސެނެޓްގައި މި ބަހުސް މިއަދު ކުރިއަށް ގެންދިޔައީ ހޫނު ޒުވާބާއި އަރައިރުމުގެ ތެރޭގަ އެވެ. ބައްދަލުވުން މެދުކަނޑާލާފައި ވަނިކޮށް، ބޭރުން ބަޔަކު ޕީޕީއެމްގެ އޮފީސްތެރެއަށް ވަދެ ހަމަނުޖެހުން ވެސް ހިންގި އެވެ. އެކަމަކު، ވަކި ހިސާބަކުން އެ މީހުން ބޭރަށް ނެރެ ތަން ހަމަޔަކަށް އެޅުވި އެވެ.