އަމިއްލަގޮތުން ވާދަކުރައްވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް އެމްއާރުއެމް ގެ ރިޔާސީ ކެންޑިޑޭޓް ފާރިސް މައުމޫންގެ ކެންޑިޑެސީ ފޯމު ހުށަހަޅުއްވައިފި އެވެ.

ފާރިސްގެ ފޯމު ހުށަހެޅުއްވީ މިއަދު އެވެ. ފާރިސްގެ ފޯމާ ހަވާލުވެވަޑައިގެންނެވީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު އެވެ.

އެރަސްމިއްޔާތުގައި އެމްއާރުއެމްގެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. ފާރިސް ވަނީ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރަން ބޭނުންވާ 1،500 ސޮއި ހަމަކޮށްފަ އެވެ.

ފާރިސް އަމިއްލަ ގޮތުން އިންތިހާބުގައި ވާދަ ކުރެއްވުމަށް ނިންމެވީ އެމްއާރުއެމްގައި ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވެގެން ދެ ވަނަ ނޯޓިސްއެއް ދިނުމަށް ފަހު ޕާޓީ އުވާލަން އީސީ އިން ނިންމުމާ ގުޅިގެންނެވެ. އެ ނިންމުން ބާތިލް ކޮށްދިނުމަށް އެ ޕާޓީން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާތީ އެ މައްސަލަ ބަލައި ހުކުމް ކުރެވެންދެން އެ ޕާޓީއަކީ އުވާލެވިފައިވާ ޕާޓީއެއް ކަމުގައި ނުބެލުމަށް އެ ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ.

އުމަރު ނަސީރުގެ ފޯމް ވެސް އިލެކްޝަން ކޮމިޝަނަށް ހުށަހެޅުއްވި މިއަދު އެވެ.

އިންތިހާބުގައި ވާދަ ކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި ފުރުސަތު މިއަދަށް ހަމަވާނީ އެވެ. މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު 9 ވަނަ ދުވަހު އެވެ.