ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މިސަރުކާރުގެ ޓުއަރިޒަމް މުނިސްޓަރަކަށް ހުންނެވި ޑރ. އަބްދުﷲ މައުސޫމް އެޕާޓީން ވަކިވެވަޑައިގެންފި އެވެ.

ޑރ. މައުސޫމް ޖޭޕީ އިން ވަކިވެވަޑައިގެންނެވި އިރު މީގެ ދުވަސްކޮޅެއް ކުރިން މައުސޫމް ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ސޯލިހުއަށް ތާއީދުކުރައްވާ ޑރ. މައުސޫމް ވިދާޅުވީ ދެވަނަ ދައުރެއް ރައީސް ސޯލިހަށް ލިބުމަކީ ރާއްޖެއަށާއި ރައްޔިތުންނަށް އެންމެ ފައިދާ ވާނެ ގޮތް ކަމަށް ވިސްނާވަޑައިގެން ރައީސް ސޯލިހަށް އެއްވެސް ޝަރުތަކާ ނުލާ ތާއީދު ކުރައްވާ ކަމަށެވެ.

ޑރ. މައުސޫމް ޓުއަރިޒަމް މިނިސްޓަރަކަށް އައްޔަން ކުރެއްވުމުގެ ކުރިން ހުންނެވީ ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ މަގާމުގަ އެވެ. އެއަށް ފަހު ޓުއަރިޒަމް މިނިސްޓަރު ކަމަށް މައުސޫމް ވަނީ އައްޔަން ކުރައްވާފަ އެވެ.

ޖޭޕީ އިން ވަކިވެވަޑައިގަތުމަށް ފަހު މައުސޫމް ވިދާޅުވީ ޖޭޕީގައި ހުންނެވި އިރު ހުރިހާ މެމްބަރުން ގެންގުޅުއްވި ގާތް ގުޅުމަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

ޑރ. މައުސޫމަކީ ރައީސް މައުމޫނުގެ ވެރިކަމުގައި ވެސް ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ބޭފުޅެވެ. އަދި ޑރ. މައުސޫމް އަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވަރަށް ގާތް ބޭފުޅެވެ.