ޑްރޯން ބޭނުންކޮށްގެން ލެބޯޓަރީން ސާމްޕަލް އުފުލުމަކީ މި އަހަރު ކުރަން ރާވަފައިވާ ކަމެއް ކަމަށް ޑިމޮކްޓްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ރަނިންމޭޓް ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ކެމްޕެއިނަށް ގދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގދ. މަޑަވެލީގައި މިއަދު ބޭއްވި ޖަލްސާގައި ވިދާޅުވީ ސިއްހީ ނިޒާމް ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ސިއްހީ ހިދުމަތް ދިނުމަށް ޑްރޯން ބޭނުންކުރަން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އެގޮތުން ޑްރޯން ބޭނުން ކޮށްގެން އެއް ލެބޯޓަރީން އަނެއް ލެބޯޓަރީ އަށް ބޭހާއި ސާމްޕަލް ގެންދިއުމުގެ އިންތިޒާމްތައް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އަދި އެކަން އެ އަތޮޅުގައި ޓެސްޓު ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެސްޓިއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަމްރު މި އަހަރުގެ ޖެނުއަރީ 12 ގައި ކުރި އިންސްޓަގްރާމް ޕޯސްޓެއް ހިއްސާކުރައްވާ ވިދާޅުވީ ޑްރޯން އިން ބޭހާއި ލެބޯޓަރީ ސަޕްލައި މުޅި ރާއްޖެއަށް ފޮނުވުމަކީ މި އަހަރު ފަށަން ރާވާފައިވާ ކަމެއް ކަމަށެވެ.
އަމްރު ވިދާޅުވީ އެކަމުގެ ޕްލޭން 2022 ވަނަ އަހަރު ކޮށްފައިވާ ކަމަށެވެ. އެގޮތުން ޑްރޯން އިން ބޭހާއި ލެބޯޓަރީ ސަޕްލައި މުޅި ރާއްޖެއަށް ފޮނުވުމަށް ޕްލޭން ހަދާ ޑްރޯން ހޯދާ ޕްލޭން އާއި ޓެކްނިކަލް ކަންކަން ސަރުކާރުގެ އެކި ފަރާތްތަކާ ހިއްސާ ކޮށްފައިވާނެ ކަމަށް ވެސް އަމްރު ވިދަޅުވި އެވެ. އަދި މިއީ ވެސް ވައުދެއް ތޯ އަމްރު ސުވާލުކުރެއްވި އެވެ.
ޑްރޯން ބޭނުންކޮށްގެން ލެބޯޓަރީން ސާމްޕަލް އުފުލުމަށް ގދ. އަތޮޅުގައި ވަނީ ޓެސްޓު ވެސް ކޮށްފަ އެވެ.