ކުރިއަރާފައިވާ މި ޒަމާނުގައި ވައިގެ ދަތުރުފަތުރަކީ އެއް ގައުމުން އަނެއް ގައުމަށް ދަތުރު ކުރަން ބޭނުން ކުރެވޭ އެންމެ އާއްމު ނިޒާމެވެ. އެއްގަމާ ކަނޑުގެ ދަތުރުފަތުރަށްވުރެ އެތައް ތަނެއް ފަސޭހަވެފައި ވަގުތު ސަލާމަތް ވާތީ ވައިގެ ދަތުރުފަތުރަކީ ގިނަ ބަޔަކު ޚިޔާރުކުރާ ގޮތެވެ.
އެހެން ނަމަވެސް ޑެންމާކަށް ނިސްބަތްވާ މީހެއް ކަމަށްވާ ތޯބްޖޮން ޕެޑަސަން ދުނިޔެ ވަށައި ކުރި ދަތުރުގައި އެންމެ ފަހަރަކު ވެސް ވައިގެ ދަތުރުފަތުރު ބޭނުން ކޮށްފައެއް ނުވެ އެވެ.
ޕެޑަސަންގެ ތާރީޚީ ދަތުރު އޭނާ ފަށާފައިވަނީ އުފަން ގައުމު ޑެންމާކުން 2013 ވަނަ އަހަރު އެވެ. އޭގެ ފަހުން މިވީ 10 އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގެ ހުރިހާ ގައުމަކަށް އޭނާ ވަނީ ދަތުރުކޮށްފަ އެވެ.
އެގޮތުން އޭނާގެ ދަތުރުގެ އެންމެ ފަހުގެ މަންޒިލަކަށްވީ ދިވެހި ރާއްޖެ އެވެ. މިދިޔަ މަހު ރާއްޖެއަށް އައުމަށް ފަހު އެނބުރި ގައުމަށް ގޮސް ޕެޑަސަން ވަނީ އޭނާގެ ދަތުރުގައި އެހީވެދިން އެންމެންނަށް ޝުކުރު އަދާކޮށްފަ އެވެ.
މިހާރު އުމުރުން 44 އަހަރުގެ ޕެޑަސަން ދުނިޔެ ވަށާ ދަތުރުކުރީ ފައިމަގުގައާއި އެއްގަމު އުޅަނދުތަކުގެ އިތުރުން ކޮންޓެއިނަރު ބޯޓުތަކުގަ އެވެ.
އޭނާގެ ދަތުރާ ބެހޭ ބެހޭ ގޮތުން ޕެޑަަސަން ބުނީ ވައިގެ ދަތުރުފަތުރާ ނުލާ ދުނިޔޭގެ ހުރިހާ ގައުމަކަށް ދަތުރުކޮށްފައިވަނީ މަދު މީހެއް ކަމަށާއި މީގެ 10 އަހަރު ކުރިން އެ ދަތުރު ފެށީ އެ އުއްމީދުގައި ކަމަށެވެ.
"ވައިގެ ދަތުރުފަތުރާ ނުލާ ދުނިޔޭގެ ހުރިހާ ގައުމަކަށް ދަތުރުކުރި މީހުންގެ އަދަދު އެވަރެސްޓް ފަރުބަދައިގެ އެންމެ އުހަށް އެރި މީހުންނަށްވުރެ ވެސް މަދު" ޕެޑަސަން ބުނެފައިވެ އެވެ.
ޕެޑަސަން ވަނީ އޭނާގެ ދަތުރުގެ އުސްއަލިތައް އޭނާގެ އަމިއްލަ ބްލޮގްތައް މެދުވެރިކޮށް އާއްމުންނާ ހިއްސާކޮށްފަ އެވެ. އޭނާގެ ދަތުރަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ.
ދިގު 10 އަހަރުގެ ދަތުރަކަށްފަހު އެނބުރި އުފަން ގައުމަށް ދިއުމުން އެގައުމުގެ ގިނަ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.