ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ވަޒީފާ އިން ވަކިކުރި މުވައްޒަފަކަށް ބަދަލުގެ ގޮތުގައި ހަ ލައްކަ ރުފިޔާ ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މިއަދު ނިންމައިފި އެވެ.

ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން ހުކުމް ކޮށްފައި ވަނީ ބީއެމްއެލްގެ ޔުނިޓް މެނޭޖަރެއްގެ ވަޒީފާގެ ހުރި އަންހެން މުވައްޒަފެއް 2019 ވަނަ އަހަރު ވަކިކުރި މައްސަލައެއްގަ އެވެ. އެމުވައްޒަފަކީ ބީއެމްއެލްގެ ވަޒީފާއާ 1998 ވަނަ އަހަރު ގުޅުނު އަންހެން މުވައްޒަފެކެވެ.

ޓްރައިބިއުނަލްގެ އަޑުއެހުމުގައި ބީއެމްއެލް އިން ބުނެފައި ވަނީ އޭނާ ވަޒީފާއިން ވަކިކުރީ ބަަލަން ޖެހޭ ވަރަށް ނުބަލައި ފައިސާ ދޫކުރުމަށް އެޕްރޫވް ކުރަންޖެހޭ ލިޔުމެއްގައި ސޮއިކުރުމުން ކަމަށެވެ. އެހެންވެ ކުންފުންޏަށް މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށެވެ.

އެހެން ނަމަވެސް އެކަން ބީއެމްއެލްއަށް ސާބިތު ކޮށްދެވިފައެއް ނުވެ އެވެ. އެހެންވެ އޭނާ ވަޒީފާއިން ވަކިކުރީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ކަމަށާއި އޭނާ ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮވެގެން ނޫން ކަމަށް ޓްރައިބިއުނަލުން ވަނީ ނިންމާފަ އެވެ. ޓްރައިބިއުނަލުން ކުރި ހުކުމުގައި ބުނެފައި ވަނީ ބަދަލުގެ ގޮތުގައި 24 މަސް ދުވަހުގެ މުސާރަ ދިނުމަށް ހުކުމް ކޮށްފަ އެވެ. އެއީ މަހަކަށް 27،610ރ. ގެ ނިސްބަތުން ޖުމްލަ 662،640 ރުފިޔާ އެވެ.

އެ ފައިސާ 21 ދުވަސް ތެރޭގައި މުވައްޒަފަށް ދެއްކުމަށްވެސް ހުކުމުގައި ބުނެފައިވެ އެވެ.