ވެރިކަން ލިބިވަޑައިގެންފި ނަމަ ފަސް އަހަރު ނިމޭއިރު ގެދޮރުވެރި ނުވާ އެކަކު ވެސް ރާއްޖޭގައި ނުހުންނާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސަގައި މުއިއްޒު ވިދާޅުވީ ރާއްޖޭގައި ދިމާވާ އިޖުތިމާއީ ހުރިހާ މައްސަލައެއްގެ ހައްލަކީ ރައްޔިތުން ގެދޮރުވެރިކުރުވުން ކަމަށެވެ. އަދި ހާއްސަކޮށް ޒުވާނުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މިސަރުކާރުން ހިންގާ ގެދޮރު ވެރިކަމުގެ މަޝްރޫއުތަކަކީ އަދި ވުޖޫދުގައި ނެތް ތަންތަން ކަމަށެވެ. ހަމަ އެކަނި ނެރެނީ ލިސްޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މޭޔަރު ކަމަށް ކުރިމަތިލެއްވި އިރު އިންތިހާބުތެރޭގައި މާލޭގެ ރައްޔިތުންނަށް ބޯހިޔާ ވަހިކަން ފޯރުކޮށް ދިނުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަމަށާއި އެކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާއެކު ބައްދަލުވުމެއް ބޭއްވި ކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް ސަރުކާރުން މާބޮޑު ސަމާލުކަމެއް ނުދިން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން:

މުއިއްޒު ވިދާޅުވީ ރައްޔިތުނަށް ބޭނުންވާ އެންމެ މުހިންމު ކަންކަމާ ރައްޔިތުންގެ މުސްތަގުބަލަށް ރައީސް ހުރަސް އަޅުއްވާފައިވާ ކަމަށެވެ.

މާލެ ސިޓީގެ ރައްޔިތުންނަށް އޮތް ހުރަސް ނައްތާލުމަށް ލިބޭ ފުރުސަތަކީ އެބޭފުޅަ ވެރިކަމަށް ހޮއްވެވުން ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވީ އެބޭފުޅާގެ މޮޓޯ އަކީ "ދޮރުވެރިކަމަކީ ކޮންމެ ރައްޔިތެއްގެ އަސާސީ ހައްގެއް" ކަމަށެވެ

"މިސަރުކާރުން އެބަ ބަހާ ފްލެޓާއި ގޯއްޗާ. އެކަމަކު އޭގެން 70 އިންސައްތަ އަދި ވުޖޫދަކު ނެތް. އިއްޔެ ވެސް ނެރުނު ލިސްޓެއް. އެކަމަކު އޭގެއިން ބޮޑު ބައެއް އަދި ނުވެސް އަޅާ. ބިންގާ ވެސް ނެތް. ޕްލޭނެއް ވެސް ނެތް. ބަޖެޓެއްވެސް ނެތް. ގޯތި ބެހި އިރު ގޯއްޗަށް ބޭނުންވާ ބިން ހިންކަން ޖެހެނީ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން:

މުއިއްޒު ވިދާޅުވީ އެބޭފުޅާގެ ވެރިކަމެއްގައި ހުރިހާ ރައްޔިތުންނަށް ފްލެޓާ ގޯތި ހޯދައިދެވޭނެ މަގު ފަހި ކޮށްދޭނެ ކަމަށާ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރައީސް ޔާމީން ފެށި މަޝްރޫއުތައް އަދި ހުޅުމާލޭގެ މާސްޓަ ޕްލޭންގައިވާ ގޮތަށް އެކަންކަން ކުރާނެ ކަމަށެވެ

ހުޅުމާލެ ދެވަނަ ފިޔަވައްސާއި ގުޅިފަޅާ އަދި ގިރާވަރު ފަޅާ ފުށިދިއްގަރު ފަޅު މިއީ މާލެ ސިޓީގެ ރައްޔިތުންނަށާ މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ގެދޮރުވެރިކަމުގެ ހައްލު ގެނެސްދޭނެ ތަންތަން ކަމުގައި ހަދަނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އެތަންތަނުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ހަދާފައިވާ ޕްލޭންތަކާ ކުރެހުންތައް ވަރަށް އަވަހަށް ޕްރެޒެންޓޭޝަނެއްގެ ސިފާގައި ވަރަށް ތަފްސީލުކޮށް ގެނެސްދެއްވާނެ ކަމަށެވެ.