ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިނަށް ރަށްރަށަށް ވަޑައިގެންނެވުމުން ގަލާއި ވެލިއުކައި، ހަމަނުޖެހުން ހިންގަން ފުރުސަތެއް ނުދޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު ކެމްޕެއިނަށް އިއްޔެ ގއ. ވިލިނގިއްޔަށް ވަޑައިގަތުމުން އެރަށުގައި ވަނީ ރައީސްއާ ދެކޮޅަށް އަޑުއުފުލައި ހަމަނުޖެހުން ހިންގައިފަ އެވެ. އެ ހަމަ ނުޖެހުންތަކުގައި 3 މީހަކު ފުލުހުން ހައްޔަރު ކުރި އެވެ.

ގއ. ވިލިނގިލީގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ވަޑައިގަންނަވާއިރު އޮއްގަލާ ވެލި އުކުމަށް ފުރުސަތު ނުދޭނެ ކަމަށެވެ. އަދި އެފަދަ ހަމަނުޖެހުން ހިންގަން ފުރުސަތު ނުދެނީ ހަރުކަށިވެގެން ނޫން ކަމަށާއި އެއީ ދައުލަތެއްގެ ހަމަ ހިފެހެއްޓުމަށް ކަމަށް އިމްރާން ވިދާޅުވި އެވެ.

"އެއްވެ ތިބޭ މީހުން ދުރަށް ޖައްސާލީމަކާ އެއީ އަޅުގަނޑުމެން ހަރުކަށި ވަނީކީއެއް ނޫން. އެއީ ދައުލަތެއްގެ ހަމަ ހިފަހައްޓަނީ. ދައުލަތެއްގެ ސިފަ ހިފަހައްޓަނީ،" އިމްރާން ވިދާޅުވި އެވެ.

ގއ. ވިލިނގިލީގައި އެމްޑީޕީއިން ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ސޯލިހާއި ބައެއް ވަޒީރުން ބައިވެރިވަނީ. ފޮޓޯ: ކެމްޕޭން ޓީމް

އިމްރާން ވިދާޅުވީ އެފަދަ ހަމަނުޖެހުންތައް ހިންގަނީ ރައްޔިތުން ލައްވައި ވިޔާނުދާ ކަންތައް ކުރުވުމުގެ ވިސްނުން ހުންނަ ސިޔާސީ ވެރިން ކަމަށެވެ. އެމީހުން އެކަން ކުރާގޮތް ވެސް ވަރަށް ރަނގަޅަށް އެނގިލައްވާ ކަމަށް އިމްރާން ވިދާޅުވި އެވެ. އަދި އެފަދަ ކަންކަން ކޮށްގެން އަބަދުވެސް ޖަލަށް ދާން ޖެހެނީ ނޫނީ ބަންދަށް ދާން ޖެހެނީ ރައްޔިތު މީހާ ކަމަށާއި އެކަންކަން ކުރުވާ ވެރިން ތިބޭނީ ފިނި ކޮޓަރީގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ހާލުގައި ޖެހިގެން ޖަލަށް ދާނީ ނިކަމެތި ރައްޔިތުން. ހުކުމެއް އަންނާނީ އާދައިގެ އާއިލާއެއްގެ ކުއްޖަކަށް. އެ ބޭފުޅުން ތިއްބަވާނީ ފިނި ކޮޓަރީގައި. އެ ބޭފުޅުން ނުނިކުންނަވާނެ ތަންތަނަކަށް. އެ ބޭފުޅުން ތިއްބަވާނީ ކުދިން ނެރެފައި މަންޒަރު ބަލަން،" އިމްރާން ވިދާޅުވި އެވެ.

ރައީސް ސޯލިހު ކެމްޕެއިނަށް ރަށްރަށަށް ވަޑައިގަންނަވާއިރު ބައެއް ރަށްރަށުން އެމަނިކުފަނާ ދެކޮޅަށް އަޑު އުފުލަމުން ގެންދެ އެވެ. އެ އެއްވުންތައް ފުލުހުންދަނީ ރޫޅާލަމުންނެވެ. އަދި ބައެއް ރަށްރަށުގައި ދަމާފައި ހުންނަ ބެނާ ތަކާ ލިޔުންތައްވެސް ރައީސް އެރަށަކަށް ވަޑައިގަތުމުގެ ކުރިން ފުލުހުން ނަގަ އެވެ.

ގދ. މަޑަވެލީގައި އެމަނިކުފާނުގެ ކެމްޕެއިން ޖަލްސާ ބާއްވަން އޮތް ތަނުގައި ބަޔަކު ހުޅުޖަހާފައިވެ އެވެ. އަދި އޭގެ ކުރިން ފުވައްމުލަކުގައި ވެސް ބޮޑު ހަމަނުޖެހުމެއް ހިނގާފައިވެ އެވެ.

ވިލިނގިލިން ރައީސް ސޯލިހުއާ ދެކޮޅަށް އަޑު އުފުލި ބަޔަކު ހައްޔަރު ކޮށްފައިވަނީ ކެމްޕޭނު ކުރުމަށް ފުރުސަތު އޮންނާނެ ކަމަށާއި ހާމަކަން ބޮޑު ގޮތެއްގައި ޚިޔާލު ފާލު ކުރުމުގެ މިނިވަންކަން އޮންނާނެ ކަމަށް ރައީސް ވިދާޅުވެފައި ވަނިކޮށެވެ.