މިސަރުކާރުން ނިންމައިގެން ތިބީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ބޭރު ބައެއްގެ އަޅުވެތިކަމަށް އަނެއްކާ ވެސް ރާއްޖެ ގެންގޮސް ރާއްޖޭގެ ހަރު މުދާ ވިއްކާ ހުސްކޮށްލަން ވިސްނައިގެން ކަމަށް މިވަގުތު އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ރިޔާސީ ކެންޑިޑޭޓްގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ އެންމެ ފުރަތަމަ ކުރަން ޖެހޭނީ ގައުމުގައި އަމަންކަމާއި ހަމަޖެހުން ގާއިމުކުރުން ކަމަށެވެ. އަދި ޕީޕީއެމްގެ ސަރުކަރެއްގައި ކުރާނެ ކަމަކީ ރައީސް ޔާމީންގެ އަމާޒުން، އަމާން ކަމުގެ އައްސޭރިއަކަށް ރާއްޖެ ގެންދިއުން ކަމަށް އޭނާ ވިދާޅުވި އެވެ.

މިސަރުކާރުގެ އަނިޔާވެރިކަމުން ސަލާމަތްކޮށް ދިވެހީންގެ އިސްތިގުލާލާ މިނިވަންކަން ގާއިމް ކުރެވޭނީ ހަމައެކަނި ޕީޕީއެމް ކޯލިޝަންގެ ކެންޑިޑޭޓަކަށް ކަމަށް އަދުރޭ ވިދާޅުވި އެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީ ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގެ ތެރެއިން:ފޮޓޯ ޕީޕީއެމް

"މިސަރުކާރުން ވިސްނައިގެން ތިބީ މިގައުމުގެ ހަރު މުދާ ވިއްކާ ހުސްކޮށްލަން. ދައުލަތުގެ ހަޒާނާ ދަވާ ހުސްކޮށްލަން އަނެއްކާ އިތުރު ފަސް އަހަރު ރައްޔިތުން ދީފާނެ ކަމަށް. ރައީސް ޔާމީން ވިދާޅުވަނީ ހަމަހިލާ އެހެނަކުން ނުވާނެއޭ،" އޭނާ ވިދާޅުވި އެވެ.

އަދުރޭ އިތުރަށް ވިދާޅުވީ މިސަރުކާރުގެ ވިސްނުމަކީ ކުރިއަށް އޮތް ދައުރަކީ ވެސް ވައްކަމާ ކޮރަޕްޝަންގެ ފަސް އަހަރަށް ހެދުން ކަމަށެވެ. އެހެން ނަމަވެސް ރައްޔިތުން ތިބީ މިސަރުކާރަށް އެ ފުރުސަތު ދީގެން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.