މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރެއްގައި ޕީޕީއެމް,ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާއެކު ކޯލިޝަން ހެދުމަކީ ދަ ޑިމޮކްރެޓްސްގެ އާންމު މެމްބަރުންނަށް ފަސޭހަ ކަމެއް ނޫން ކަމަށް އެ ޕާޓީގެ ތަރުޖަމާނު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެ އެވެ.

ޑިމޮކްރެޓްސްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމްތިޔާޒް ވިދާޅުވީ ޑރ. މުއިއްޒުއާއެކު ކޯލިޝަން ހެދުމަކީ އެ ޕާޓީގެ އާންމު މެންބަރުންނަށް ފަސޭހަ ކަމަކަށް ނުވި ނަމަވެސް, އެއީ އެ ހާލަތު އައިސްފި ނަމަ ޕާޓީން ނިންމަންޖެހޭނެ ނިންމުމެއް ކަމަށެވެ.

އިމްތިޔާޒް ވިދާޅުވި ގޮތުގައި ޑރ. މުއިއްޒުއާ ކޯލިޝަން ހެދުމާއި ނުހެދުމަކީ މުޅި ޕާޓީން ނިންމާނެ ނިންމުމެއް ކަމަށެވެ.

އިމްތިޔާޒު މިހެން ވިދާޅުވިއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޑިމޮކްރެޓްސް ދެ ވަނަ ބުރަކަށް ނުގޮސްފާނެ ކަމަށް ބެލެވޭ ފަދަ މޭރުމަކުން ވާހަކަ ދައްކަވައިފަ އެވެ.

ނަޝީދުގެ ވާހަކަފުޅާގުޅޭގޮތުން ސުވާލުކުރުމުން އިމްތިޔާޒް ވިދާޅުވީ ރަށްރަށަށް ކުރި ދަތުރުތަކުން އެ ޕާޓީއަށް އޮތް ސަޕޯޓް ފެންނަމުންދާ ކަމަށެވެ. އެކަމަކު ނަޝީދު ވިދާޅުވެފައި ވަނީ ދެވަނަ ބުރުގައި ތިއްބަވާނެ ކެންޑިޑޭޓުން ކަނޑައެޅޭނީ ޕީޕީއެމްގެ މެމްބަރުން ވޯޓު ދޭ ގޮތެއްގެ މައްޗަށެވެ.

ޕީޕީއެމް، ޕީއެންސީން ވަނީ ފުރަތަމަ ބުރުގައި އެ ދެ ޕާޓީން އެއްވެސް ޕާޓީއަކާއެކު ކޯލިޝަން ނަހަދާނެ ކަމަށް ބުނެފައެވެ. އެ ދެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޑރ. މުހައްމަދު މުއިއްޒެވެ.