ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ އިލަން މަސްކްއާއި މާކް ޒަކަބާގްގެ "ކޭޓް ފައިޓް" ކުރިމަތިލުން އޮންނާނީ އިޓަލީގައި ކަމަށް މަސްކް ހާމަކޮށްފި އެވެ.

މަސްކް ބުނީ އެކަމާ ބެހޭ ގޮތުން އިޓަލީގެ ބޮޑު ވަޒީރާ ވާހަކަ ދައްކާފައިވާ ކަމަށާއި މި އިވެންޓް ފުރިހަމައަށް ބާއްވައިދޭން އެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ.

މި ކުރިމަތިލުން އޮންނާނެ ވަކި ތާރީހެއް އަދި ކަނޑައަޅާފައި ނުވި ނަމަވެސް ތައްޔާރީތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް މަސްކް އޭނާގެ "އެކްސް" އެކައުންޓްގައި ބުނެފައިވެ އެވެ.

އެއަށް ޖަވާބު ދެމުން ޒަކަބާގް އޭނާގެ "ތްރެޑްސް" އެކައުންޓްގައި ބުނެފައިވަނީ ކުރިމަތިލުމަކަށް ތައްޔާރު ކަމަށާއި އެހެން ނަމަވެސް އެންމެ ފުރަތަމަ ކުރަން ޖެހިފައި އޮތް ކަމަކީ ތާރީހެއް ކަނޑައެޅުން ކަމަށެވެ.

މިފަދަ ކަމަކަށް ހުށައެޅުމެއް ލިބިފައިވާ ކަމަށާއި މިކަމުގެ ތެރެއިން އިޓަލީގެ ސަގާފަތް ދައްކާލުމަކީ ލިބޭ ފަޚުރެއް ކަމަށް އިޓަލީގެ ބޮޑު ވަޒީރު ބުނެފައިވެ އެވެ.

މަސްކްގެ "އެކްސް"އަށް ގޮންޖަހައި ޒަކަބާގްގެ "ތްރެޑްސް" ނުކުތުމާއެކު އެ ދެ މީހުންގެ މެދުގައި އޮތް ވާދަވެރިކަން އިތުރުވެ އެކަކު އަނެކަކަށް ބަހުގެ ހަމަލާތައް ދޭތެރެ ދޭތެރެއިން ދެމުންދެ އެވެ.