ކޮވިޑާއި ގުޅިގެން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ރައްޔިތުން މަޖިލީހުން ފާސްކޮށްފި އެވެ.

އިންތިޚާބާއި ބެހޭ ޚާއްސަ ގާނޫނަށް ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ހުށަހެޅުއްވި އިސްލާހުތަކާއެކު މަޖިލީހުން ބިލު ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި ވަޑައިގެންނެވި 38 މެމްބަރުންގެ ވޯޓުންނެވެ.

ކޮމިޓީގެ މަރުހަލާގައިވަނީ ބިލަށް މުހިންމު އިސްލާހުތަކެއް ވެސް ގެނެސްފަ އެވެ. އޭގެ ތެރޭގައި އިންތިޚާބު މެއި މަހުގެ 10 ގެ ކުރިން ނުބޭއްވޭނެ ޙާލަތެއް ކުރިމަތިވެއްޖެނަމަ އެކަން 30 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް އަންގަންޖެހުން ވެސް ހިމެނެ އެވެ.

އިންތިހާބު ބޭއްވުމަށްޓަކައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތައް އެކުލަވާލަންވާނީ، ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު އިންތިހާބު ބޭއްވޭގޮތަށް ކަމަށް ވެސް ބުނެފައިވެ އެވެ.

އިންތިހާބު ބޭއްވުމަށް އީސީން ކަނޑައަޅާ ތާރީހުގައި އިންތިހާބު ބާއްވައި، ނިންމުމަށްޓަކައި، އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނުގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އިންތިހާބުގެ ކަންކަމާ ގުޅޭގޮތުން ކަނޑައަޅާފައިވާ މުއްދަތުތަކަށް ބަދަލުގެނައުމަށް އަލީ ނިޔާޒް އިސްލާހު ހުށައެޅުއްވި އެވެ. ނަމަވެސް، މުއްދަތުތައް ކުރުކުރުމާ ދެކޮޅަށް ކޮމިޓީގެ ބައްދަލުވުގައި އީސީގެ މެންބަރުން ފާޅުކުރެއްވި ކަންބޮޑުވުންތަކާއެކު ކޮމިޓީން ވަނީ އެބައި އުނިކޮށްފަ އެވެ.

އިންތިޚާބާއި ގުޅޭ ހާއްސަ ގާނޫނަށް އިސްލާހު ގެނެސްފައި މިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ކުރިން ތާވަލުކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ފަސްކުރީ ކޮވިޑް-19އާ ގުޅިގެން އިއުލާންކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެންނެވެ.