ތެލެސީމިއާ ކުދިންނަށް ހިލޭ ބޯންމެރޯ ހެދެނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ޕީޕީއެމް ޕީއެންސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކެމްޕެއިނަށް ހއ އަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ހއ. އުތީމަށް ވަޑައިގެން ޑރ. މުއިއްޒު ވިދާޅުވީ ސިއްހީ ނިޒަމު ހަރުދަނާ ކުރުމަށް ގިނަ މަސައްކަތް ތަކެއް ކޮށްދެއްވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ތެލެސީމިއާ ކުދިންނަށް ހިލޭ ބޯން މެރޯ ހެދޭނެ ގޮތްތައް ހަމަޖައްސައިދެއްވާނެ ކަމަށެވެ. އަދި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައިވެސް ލޭއަޅަ ކުދިންނަށް ޒަކާތު ފަންޑުގެ އެހީގައި ބޯން މެރޯ ހެދުމުގެ ހަދައިދެއްވި ކަމަށެވެ. ސަރުކާރުގެ އެހީގައި ބޯން މެރޯ ހެދުމުގެ ކަންކަން ހަމަޖައްސައި ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތެލެސީމިއާ ހުންނަ ކުދިންނަށް ރައީސް ޔާމީންގެ ދައުރުގައި ޒަކާތު ފަންޑުގެ ތެރެއިން ބޯން މެރޯ ހަދައިދެއްވި. އެހެންވީމާ އަޅުގަނޑުމެންގެ ސަރުކާރެއްގައި ނިޒާމުގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި ސަރުކާރުގެ ހިލޭ އެހީގައި އެކަން ކުރެވެން ޖެހޭ،" މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ޑރ. މުއިއްޒު ވަނީ އުތީމަކީ ރާއްޖޭގެ ޒަމާންވީ އާދަކާދައާއި ސަގާފަތް ފެންނާން އޮތް އަދި ފަތުރުވެރިކަމުގެ ދާއިރާ ފުޅަ ކުރެވިދާނެ ރަށެއްކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން އެރަށުގެ އާސާރުތައް ފެންނަގޮތަށް އެރަށުގައި ސްޓޭޓް ހައުސްއެއް ހުންނަންޖެހޭ ކަމަށް ފެނިވަޑައިގަންނަވާ ކަމަށާއި އެރަށުގެ ރައްޔިތުން އެދޭނަމަ އުތީމުގައި ސްޓޭޓް ހައުސްއެއް ގާއިމުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށުގައި ހުރި އާސާރީ ތަންތަން ސަރުކާރުން ބަލަހައްޓަމުން ގެންދާނީ ރަށުގެ ރައްޔިތުންނާއި ރަށު ކައުންސިލުން އެދޭ ގޮތަކަށް ކަމަށެވެ.