ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އަށް މިހާރު ލިބިވަޑައިގަންނަވާނީ 15 އިންސައްތަ ވޯޓު ކަމަށް އެޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސްގެ ކެމްޕެއިނަށް ގއ. މާމެންދޫ އަށް ވަޑައިގެން ނަޝީދު ވިދާޅުވީ ރައްޔިތުން ވޯޓު ދެނީ އެބޭފުޅުންގެ ވައުދުތަކަށް ބެލުމަށްފަހު ކަމަށެވެ. އެހެން ނަމަވެސް ވޭތުވެ ދިޔަ ފަސް އަހަރު ރައްޔިތުންނަށް އެއްވެސް ވައުދެއް ފުއްދައިދީފައި ނުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ގއ މާމެންދޫ ރޫޅާލާ ޖަގަހަ ރައީސް ނަޝީދާއި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ހުޅުވައިދެއްވަނީ: ފޮޓޯ: ކެމްޕެއިން ޓީމް

ވައުދު ނުފުއްދާ ވެރިއަކަށް ރައްޔިތުން ދޭނެ ވޯޓެއް ނޯންނާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޞާލިހަށް ލިބިވަޑައިގަންނަވާނީ 15 އިންސައްތަ ވޯޓު ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރައީސް ޞާލިހު ވަޑައިގަތަސް ވަޑައިގަންނަވަނީ ފުލުހުންގެ ފައުޖަކާއެކު ޕެޕާ ސުޕްރޭ އާ ކަރުނަގޭސް ހިފައިގެން ކަމަށެވެ. އަދި ފުލުހުން ދަމާފައި ހުންނަ ޓޭޕްގެ މެދުގައި ހުރެގެން ކުރެވޭނެ ކެމްޕެއިންް ނޯންނާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވެފައި ވަނީ ރައީސް ޞާލިހަށް ލިބިވަޑައިގަންނަވާނީ ފަސް އިންސައްތަ ވޯޓު ކަމަށް ވިދާޅުވެފަ އެވެ. އެހެން ނަމަވެސް އެއަދަދު އިތުރުވެ މިހާރު އެމަނިކުފާނަށް ލިބިވަޑައިގަންނަވާނީ 15 އިންސައްތަ ވޯޓު ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

އިލްޔާސްގެ ކެމްޕެއިން ފެށުމަށް އައްޑޫގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ 2013 ގެ އިންތިހާބުގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް 65 އިންސައްތަ ލިބިވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނުގެ އާއިލާ ބޭފުޅަކު ވިދާޅުވި ކަމަށެވެ. އެހެން ނަމަވެސް ލިބިވަޑައިގަތީ ފަސް އިންސައްތަ ވޯޓު ކަމަށެވެ.

މިހާރު ފެންނަމުން މިދާ މަންޒަރުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހަށް ވެސް ލިބިވަޑައިގަންނަވާނީ ރައީސް ވަހީދަށް ލިބިވަދައިގެންނެވި އަދަދަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.