މާލޭގެ ގެއެއްގެ ތެރޭގައި މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ހަ ވަނަ ދުވަހުގެ ރޭ ޏ. ފުވައްމުލައް، ކުރި، ޝިއާއު މުހައްމަދު ސައީދު އަނިޔާވެރި ގޮތަކަށް މަރާލި ތުހުމަތުގައި ދައުވާ އުފުލާފައިވާ ފ. ނިލަންދޫ، ފިނިފެންމާގޭ، އަލީ ޝާހިލް އަށް ދައުލަތުން ހަމަޖައްސައިދިން ވަކީލް އެ މައްސަލައިން ތަނާޒުލް ވެއްޖެ އެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި އިތުރު ހަތަރު ދައުވާއެއް ޝާހިލްގެ މައްޗަށް އުފުލާފައިވެ އެވެ. ދައުވާތަކުގެ ތެރެއިން ދެ ދައުވާއެއް ސިއްރުކުރަން ވަނީ ނިންމާފަ އެވެ. އެއީ ޝިއާއުގެ އާއިލާގެ މަސްލަހަތަށްޓަކައި ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

ކްރިމިނަލް ކޯޓުން މީޑިއާތަކަށް ދިން މައުލޫމާތެއްގައި ބުނެފައި ވަނީ ޝާހިލްއަށް ދައުލަތުން ހަމަޖައްސައިދިން ވަކީލު މިމަހުގެ ނުވަވަނަ ދުވަހު މައްސަލައިން ތަނާޒުލްވެފައިވާ ކަމަށެވެ. ދިހަވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ޝާހިލް މައްސަލައާ އެކު ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާ އެކު ކަމަށް ބުނުމުން އޭނާއަށް ވަކީލަކު ހަމަޖައްސަން ވަނީ މުއްދަތު ދީފަ އެވެ.

ޝާހިލް އަށް ވަކީލަކު ހަަމަޖައްސަން ޕީޖީ އޮފީހުން ވަނީ އެޓަނީ ޖެނެރަލްގެ އޮފީހުގައި އެދިފަ އެވެ. އަދި އަންނަ ހަފްތާގެ ތެރޭގައި ވަކީލަކު ހަމަޖެއްސޭނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހާ ހަވާލާދީ ޕީޖީ އޮފީހުން އެ ދުވަހުގެ އަޑުއެހުމުގައި ބުނެފައިވާ ކަމަށެވެ.

ވަކީލަކު ހަމަޖެހުމުން ދެން އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ ހެކި ރައްކާތެރިކުރުމުގެ އަމުރާމެދު ގޮތެއް ނިންމުން ކަމަށް ކްރިމިނަލް ކޯޓުން ބުނެ އެވެ.

ހ. ޝީރީންވިލާ ގޭގައި ޝިއާއު މަރާލައި ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދީފައި އޮއްވައި ފެނުނު މައްސަލައިގައި ޝާހިލް ހައްޔަރުކުރީ ކުށުގެ ވެށިންނެވެ.

ޝިއާއު މަރާލުމަށް ފަހުގައި ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުން އެނގޭ ކަމަށް ވެސ ފުލުހުން ބުނެފައިވެ އެވެ. އަދި ޝިއާއު މަރަށް ހުށަހެޅިގެން ދިޔައީ، އެ އަނިޔާތަކުގެ ސަބަބުންކަން ރިޕޯޓުން އެނގޭ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.