މާފުށިން ގޯތި ލިބޭ 308 މީހުންގެ ވަގުތީ ލިސްޓު ގެޒެޓްގައި އާންމުކޮށްފިއެވެ.

މާފުށީ ފަޅުން އަލަށް ހިއްކި "އާ މާފުށިން" ދޫކުރަން ނިންމާފައިވަނީ 2000 އަކަފޫޓުގެ 308 ގޯއްޗެވެ. މާފުށިން ގޯތި ދޫކޮށްފައިވަނީ، އެ ރަށާ ކައިރިން ހިއްކާފައިވާ ބިމުންނެވެ. މާފުށިން ގޯތި ދޫކުރަން އިއުލާންކޮށްފައިވަނީ މިދިޔަ މާޗު މަހު އެވެ.

މާފުށިން ގޯތި ލިބޭ މީހުންގެ ނަންތައް ގެޒެޓު ކޮށްފައިވާއިރު، އެ ލިސްޓަށް މި މަހުގެ 24 ވަނަ ދުވަހުގެ 14:00 ގެ ކުރިން ޝަކުވާ ހުށަހެޅުމަށް ވަނީ ހުޅުވާލަފަ އެވެ.

މާފުށިން ގޯތި ދޭން ނިންމާފައި ވަނީ މާފުށީ ރައްޔިތުންނަށް ފަހިވާނެ ގޮތަށެވެ. އެގޮތުން މާފުށީގެ ރައްވެއްސަކަށް ނުވާ މީހަކު ގޯއްޗަށް ކުރިމަތިލައިފިނަމަ 30 ޕޮއިންޓް އުނިވާނެ އެވެ. އަދި ގޯއްޗަށް ކުރިމަތިލާ މީހުންގެ ތެރެއިން 40 އަހަރުން މަތީގެ މީހުންނަށް 20 ޕޮއިންޓް އިތުރުވާނެ ކަމަށްވެސް މާފުށީ ކައުންސިލުން ކުރިން ކޮށްފައިވާ އިއުލާނެއްގައިވެ އެވެ.

މާފުށީ ހިއްކި ބިމުން ގޯތި ބޭނުންވާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ އެފަދަ ގޯއްޗަކުން 600 ފޫޓަށްވުރެ ބޮޑު ބައެއް ލިބިފައިވާ މީހަކަށް ނުވުން ހިމެނެ އެވެ. އަދި ސަރުކާރުން ހަދާފައިވާ އިމާރާތެއް ނުވަތަ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައިވާ ފަރާތަކަށް ނުވުމާއި، މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮތްނަމަ އެތަން ދޫކޮށްލާ ނުވަތަ ވިއްކާލާފައިވާތާ ދެ އަހަރު ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވާ މީހަކަށް ވާންޖެހޭނެ އެވެ.

ގޯތި ދޫކުރަން ނިންމާފައިވާ މާފުށި ފަޅުތެރޭގައިވާ 25 ހެކްޓަރުގެ ބިން 2021 ވަނަ އަހަރުގެ ތެރޭގައި ހިއްކީ އެމްޓީސީސީންނެވެ.