ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި، ވޯޓުލާމީހުން ރަޖިސްޓަރީ ވެފައިވާ ވޯޓުލާމީހުންގެ ރަޖިސްޓަރީ އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ވޯޓުލާމީހުން ރަޖިސްޓަރީ ވެފައިވާ ފޮށީގެ މައުލޫމާތު ހިމެނޭ ވޯޓުލާ މީހުންގެ ރަޖިސްޓަރީ މިއަދު އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން ޝަކުވާއެއް އޮތްނަމަ، މިއަދުން ފެށިގެން މާދަމާގެ 15:00 އަށް އެ ކޮމިޝަނަށް ޝަކުވާ ހުށަހެޅުމަށް ވަނީ ހުޅުވާލާފަ އެވެ. ވޯޓުލާ މީހުންގެ ރަޖިސްޓްރީ އެ ކޮމިޝަނުގެ ވެބްސައިޓުން ފެންނާނެ ކަމަށް ހަބީބު ވިދާޅުވި އެވެ. ރަޖިސްޓްރީވެފައިވާތަން ބެލުމަށް VR space ID ޖައްސަވާފައި 1414 އަށް އެސްއެމްއެސް ކޮސްގެންނާ 1414 އަށް ގުޅައިގެން ވެސް މައުލޫމާތު އޮޅުންފިލުވޭނެ ކަމަސް ހަބީބު ވިދާޅުވި އެވެ.
ޝަކުވާ ހުށަހެޅޭނީ ރަޖިސްޓަރީ އަށް ޝަކުވާ ހުށަހަޅާ ފޯމުންނެވެ. ފޯމު އެ ކޮމިޝަނުގެ ވެބްސައިޓުން ނުވަތަ ކައުންސިލް އިދާރާތަކުން ލިބެންހުންނާނެ ކަމަސް އީސީ އިން ބުނެ އެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ އަންނަ މަހުގެ 9 ވަނަ ދުވަހު އެވެ.
މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓްލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 282،395 މީހުންނެވެ.
އިންތިހާބުގައި މާލެ ސަރަހައްދުގައި މިހާރު ބެހެއްޓުމަށް ނިންމާފައި ވަނީ 176 ވޯޓު ފޮއްޓެވެ. އަދި އަތޮޅު ތެރޭގައި 319 ވޯޓި ފޮށި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ. މީގެ އިތުރުން 65 ރިސޯޓަކާއި ޖަލުތަކުގައި ފަސް ފޮއްޓަކާއި ހުޅުލޭގައި އެއް ފޮށި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ ނިންމީ މި އިންތިހާބުގައި ޖުމްލަ 609 ވޯޓް ފޮށި ބެހެއްޓުމަށެވެ. އެހެން ނަމަވެސް ރީ ރެޖިސްޓްރޭޝަންގެ އަދަދުތަކަށް ބަލައި ފޮށީގެ އަދަދު 580 އަށް ވަނީ މަދުކޮށްފަ އެވެ. ނަމަވެސް އެންމެ ފަހުން ކޮމިޝަނުން ހާމަކުރި ހިސާބުތަކުން މިހާރު މި އިންތިހާބުގައި ބަހައްޓާނީ ޖުމްލަ 574 ވޯޓް ފޮއްޓެވެ.