އެގާރަ އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުގައި އެހީތެރިކަން ދިނުމަށް ރާއްޖެއަށް ވަޑައިގެން އުޅުއްވާ އީޔޫގެ ވަފްދުގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފި އެވެ.

ރައީސް ނަޝިދު އީޔޫގެ ވަފްދާ ބައްދަލުކުރައްވާ ރައީސް ޔާމީން ގެއަށް ބަދަލުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގެންފައިވާ އިރު އެމަނިކުފާނު އިސްވެހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސް އިން މިފަހުން ބޭއްވި ޖަލްސާތަކުގައި ރައީސް ޔާމީން މިނިވަން ކުރުމަށާ އަދި ރައީސް ޔާމީން މިނިވަންކުރުމުގައި ބޭރުގެ އެހީ ހޯއްދަވާނެ ކަމަށް ގެންދިޔައީ ވިދާޅުވަމުންނެވެ.

ކުރިއަށް އޮތް ރިޔާސީއިންތިހާބު އޮބްޒާވް ކުރުމަށް އީޔޫ އިން ރާއްޖެ އައިސްފައިވާ ވަފުދާ މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ރައީސް ނަޝީދު ވަނީ ބައްދަލުކުރައްވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ އިންސާފުވެރި، މިނިވަން އިންތިހާބެއް ބޭއްވުމަށްޓަކައި ރައީސް ޔާމީން ގެއަށް ބަދަލުކުރުމަށް އެހީތެރިވުމަށް، ރިޔާސީ އިންތިޚާބު އޮބްޒާވްކުރުމަށް ރާއްޖެ ވަޑައިގެންއުޅުއްވާ އީޔޫ ވަފްދުގެ އަރިހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެންފައިވާ ކަމަށެވެ.

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ކެމްޕޭނަށް ފުވައްމުލަކަށް ވަޑައިގެން ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ދެން މާގިނަ ދުވަހަކު ރައީސް ޔާމީން ޖަލުގައި ނުހުންނަވާނެ ކަމަށެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއްގައި ބައިވެރިވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ބައިނަލްއަގުވާމީ ފަރާތްތަކާއެކު މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.