ހުއްދަ ނެތި ރާއްޖެއިން މީހުން އުމްރާއަށް ގެންދާކަން ފާހަގަވަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނީ މިފަހަކަށް އައިސް ހުއްދަ ނެތި އަދި އުމުރާއަށް މީހުން ގެންދިއުމާ ގުޅޭ ގޮތުން ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނެތި ބައެއް ކުންފުނިތަކުން ވިޔަފާރި އުސޫލުން އުމްރާއަށް މީހުން ގެންދާކަން ފާހަގަވެފައިވާ ކަމަށެވެ.
އެ މިނިސްޓްރީގެ ހުއްދަލިބިގެން ނޫނީ ވިޔަފާރި އުސޫލުން އެއްވެސް ކުންފުންޏަކުން އެއްވެސް ބަޔަކު އުމްރާއަށް ގެންދިއުމަކީ މަނާކަމެއް ކަމަށް ބުނެ އެވެ.
އެ އުސޫލްގެ ދަށުން އިމްރާއަށް ގެންދިއުމަށް ހުއްދަ ދެވެނީ ޖެހިޖެހިގެން ދެ އަހަރުގެ މުއްދަތަކަށެވެ. އަދި މި ހުއްދަ ނެތި ނުވަތަ އުމްރާގެ ހުއްދައިގެ މުއްދަތުގެ ތެރެއަށް ނުވަންނަ އުމްރާ ދަތުރުތަކަށް މީހުންގެ އަތުން އެޑްވާންސްކޮށް ފައިސާ ނެގުމަކީ ވެސް އުސޫލާ ހިލާފު ކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
ރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމާ ބެހޭ އުސޫލުގެ ދަށުން ނަގަން ޖެހޭ ހުއްދަ ނެތި ވިޔަފާރި އުސޫލުން އުމްރާއަށް މީހުން ނުގެންދިއުމަށާއި، އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނެތް ކުންފުންޏަކަށް އެއްވެސް ފަރާތަކުން ފައިސާ ނުދެއްކުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފަ އެވެ.
އެ އުސޫލާ ހިލާފުވެގެން ލިބޭ ގެއްލުމަށް އިސްލާމިކް މިނިސްޓްރީން ޒިންމާނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.