ވ. އާރަށް މައްސަލާގައި ތަހުގީގުގައި ހަނުހުންނަވަން ޖެހުނީ ފުލުހުން ޕްރެޝާކުރުމުން ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ޝަރީއަތުގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، 52 މިލިއަށް ރުފިޔާއިން ޖޫރިމަނާ ކޮށްފަ އެވެ. މިއަދު ވަނީ މައްސަލައިގެ އިސްތިއުނާފް އަޑުއެހުމެއް ހައިކޯޓުގައި ބާއްވާފަ އެވެ.

ރައީސް ޔާމީންގެ ބޭންކް އެކައުންޓަށް ވަތް ފައިސާއަކީ ޑޮލަރު މާރު ކުރުމަށް ހިންގި މުއާމަލާތެއް ކަމަށް ރައީސް ޔާމީން ވިދާޅުވުމުން، އެމައްސަލައިގެ ތަހުގީގުގައި ހަނުހުންނެވުމަށް ފަހު ޝަރީއަތުގެ މަޖިލީހުގައި ދިފާއީ ހެކި ހުށަހެޅުއްވުމުން އެއީ އެފައްދަފައިވާ ހެކިތަކެއް ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އަދި އެފަދައިން ޑޮލަރު ގަތުމަސް ހިންގި މުއާމަލާތެއްނަމަ އެކަން ތަހުގީގުގައި ފަހަގަ ނުކުރެއްވީ ކީއްވެތޯ ދައުލަތުން ވަނީ އަހާފަ އެވެ.

ދައުލަތުގެ ވާހަކަތަކަސް ރައްދު ދެއްވާ ރައީސް ޔާމިން ވިދާޅުވީ، އާރަށު މައްސަލައާއި ރ. ފުއްގިރި މައްސަލައިގެ ތަހުގީގު ހިނގަމުން ދިޔައިރު ހުންނެވީ ގއ. ވޮޑުމުލާ މައްސަލައިގައި ޖަލުގައި ކަމަށެވެ. އެކައުންޓަށް ވަތް ފައިސާއާއި ގުޅިގެން ފުލުހުން ތަހުގީގުގައި ސުވާލު ކުރުމުން ޖަވާބު ދީފައިވާ ކަމަށް ރައީސް ޔާމިން ވިދާޅުވި އެވެ. އެހެން ނަމަވެސް އެކި ފަހަރުމަތިން އޭރު ފުލުހުން ގެންދިޔައީ އެމަނިކުފަނުގެ ބަޔާން ބަދަލުކުރަމުން ކަމަށް ޔާމީން ވިދާޅުވި އެވެ.

"އެއް ބަޔާނެއް އެކި ފަހަރު ތަފާތުކޮށްފަ ގެނައިމަ އަޅުގަނޑު ފުލުހުންނަށް ދެންނެވިން ތި ކުރައްވަނީ ހެރޭސް [ފުރައްސާރަ] އޭ، އާރަށާ ގުޅިގެން ވެސް އަޅުގަނޑު ދެންނެވިން ތި ކުރައްވާ ސުވާލުގެ ޖަވާބު އަޅުގަނޑުގެ ދިފާއުގަ ދޭނީ ޝަރީއަތުގެ މަޖިލީހުގައޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ހަނުހުންނަން ޖެހުނީ އެވަގުތު އެމަނިކުފާނުގެ ހުރިހާ ގާނޫނީ ވަކީލުން ވަކިވުމުން ކަމަށެވެ. އަދި ފުލުހުންގެ ލޮގްތައް ބަލައިފި ނަމަ ހަނުހުންނަން ޖެހުނީ ފުލުހުން ޕްރެޝަ ކުރުމުންކަން އިންގެން އޮންނާނެ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ މިމައްސަލާގައި ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވާ ޔޫސުފް ނައީމާ ގުޅިގެން ދައްކާފައިވާ ވާހަކަ ތަކަކީ ކުށްހީތަކެއް ކަމަށެވެ.

ވ. އާރަށު މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމުގެ ޖޫރިމަނާ އާގުޅޭ ބައިގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ޔާމީްނެގ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން ހައިކޯޓުން ވަނީ އެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށް އަމުރ ކޮސްފަ އެވެ. ހުކުމުގައި އޮތް ޖޫރިމަނާ ފަސްކުރި ނަމަވެސް ޔާމީންގެ ޖަލު ހައިކޯޓުން ފަސްކޮށެއް ނުދެ އެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ޙުކުމް ދެމިއޮތުމުގެ ސަބަބުންނާއި، އެ މައްސަލާގައި އިއްވާފައިވާ ޖޫރިމަނާ ފައިސާ ނުދައްކަވާ އޮތުމުގެ ސަބަބުން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ހަމަނުވާ ކަމަށް ސުޕްރީމް ކޯޓުން ނިންމެވުމުން، ރައީސް ޔާމީނަށް ވަނީ އެ ފުރުސަތު ގެއްލިފަ އެވެ.