ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ބައެއް ކެންޑިޑޭޓުންގެ ވާހަކަތަކުން ހީވަނީ ހުދުމުހުތާރު ވެރިކަމެއް ކުރައްވަން އުޅޭހެން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވަފައިވާ ކެންޑިޑޭޓުން ކެމްޕެއިނަށް ބައެއް ރަށްރަށަށް ގޮސް ދައްކަވާ ވާހަކަފުޅުތަކަށް އިޝާރާތް ކުރައްވަ އެވެ.

ބައެއް ކެންޑިޑޭޓުން ރަށްރަށަށް ވަޑައިގެން މިހާރު ސަރުކާރުން ހިންގާ ބައެއް މަޝްރޫއުތައް ހުއްޓާލާނެ ކަމަށް ވިދާޅުވެ އެވެ. އަދި ބައެއް ކެންޑިޑޭޓުން ވަކި ރަށްތަކަކަށް ކަންތައްތައް ކޮށްދެއްވާނެ ކަމަށް ގެންދަވަނީ ވިދާޅުވަމުންނެވެ. މީގެ އިތުރުން ކެމްޕެއިނަށް ވައުދުވާއިރު ޕްލޭނެއް ނެތި ބަޖެޓަށް ނުބަލާ އަދި އެކަށީގެން ނުވާ ވަރުގެ ބޮޑެތި ސިންގާ ވައުދުތައް ވަމުންގެންދެއެވެ. ކޮންމެ ބަޔަކުވެސް ވައުދު ވަމުން ގެންދަނީ އެއްބަޔަކަށްވުރެ އަނެއްބަޔަކު މޮޅަށެވެ.

ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ބައެއް ކޭންޑިޑޭޓުން ވާހަކަފުޅު ދައްކަވާއިރު ހީވަނީ ހުދު މުހުތާރު ވެރިކަމެއް ކުރައްވަން ބޭނުންފުޅު ވާހެން ކަމަށެވެ.

"ވަގުތުން މިވެނި ކަމެއް ކުރައްވާނަމޭ ވަގުތުން މިވެނި ކަމެއް ހުއްޓުވާނަމޭ. ކޮބައިތޯ ގާނޫނު؟ ކޮބައިތޯ ޑިއު ޕްރޮސެސް؟" ރައީސް މައުމޫން ސުވާލުކުރެއްވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަ ޖެހިފައިވަނީ އަންނަ މަހުގެ 9 ވަނަ ދުވަހު އެވެ.

ރިޔާސީ އިންތިހާބުގައި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން އަމިއްލަ ގޮތުން ވާދަކުރައްވަ އެވެ.