އުއްމީދުކޮށްގެން ހުންނެވީ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭ ހާލަތެއްގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓު ލިބިވަޑައިގަންނަވާނީ އެމަނިކުފާނަށް ކަމަށާއި އެކަމަކު އެ ޕާޓީ ދޫކޮށްލަން ޖެހުނީ ރިޔާސީ އިންތިޚާބަށް އެ ޕާޓީން ކެންޑިޑޭޓަކު ނެރުމުގެ ފުރުސަތު ނުދިނުމުން ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިރޭ ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީން ހދ. ކުޅުދުއްފުށީގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވަހީދު ވިދާޅުވީ ޕީޕީއެމުން ނުކުންނަން މަޖްބޫރުވީ ރިޔާސީ ކެންޑިޑޭޓަކަށް ވުމުގެ ފުރުސަތު އެއްވެސް މީހަކަށް ނުދިނުމުން ކަމަށެވެ.

"އަޅުގަނޑު އުއްމީދު ކޮށްގެން ހުރީ އަޅުގަނޑަށް އެ ފުރުސަތު ލިބިދާނެ ކަމަށް ރައީސް ޔަމީނަށް ކުރިމަތި ނުލެވޭ ހިނދެއްގައި. ޕާޓީ ތެރޭގައި އޮތީ ތިން އޮޕްޝަނެއް ކަނޑާއަޅާފައި. ފުރަތަމަ އޮޕްޝަން، ޕްލޭން އޭ އަކީ ރައީސް ޔާމީން މިނިވަންވެ ވަޑައިގެން ކުރިމަތިލެއްވުން. ޕްލޭން ބީގައި އޮތީ ރައީސް ޔާމީނަށް ކުރިމަތި ނުލެެއްވޭ ނަމަ ޕީޕީއެމުން އެހެން ކެންޑިޓޭޓަކު ނެރުން. އަޅުގަނޑު ހުރީ އެ އުއްމީދުގައި. ދެން އޮތީ ޕްލޭން ސީ. ޕްލޭން ސީގައި އޮތީ ޕްލޭން ބީ މަސައްކަތް ނުކޮށްފިއްޔާ ޕީއެންސީން ކެންޑިޑޭޓެއް ނެރުން،" ދާދި ފަހުން ޖުމްހޫރީ ޕާޓީއާ ގުޅިވަަޑައިގެންނެވި ވަހީދު ވިދާޅުވި އެވެ.

އެމަނިކުފާން ވިދާޅުވީ ޕީޕީއެމުން ކެންޑިޑޭޓަކު ނެރެން ވަގުތު ލިބުނު ކަމަށާއި ނަމަވެސް ކަންތައް ކުރީ ރައީސް ޔާމީން އެންގެވި ގޮތަކަށް ނޫން ކަމަށެވެ.

އަޅުގަނޑު އުއްމީދު ކޮށްގެން ހުރީ އަޅުގަނޑަށް އެ ފުރުސަތު ލިބިދާނެ ކަމަށް ރައީސް ޔަމީނަށް ކުރިމަތި ނުލެވޭ ހިނދެއްގައި. ޕާޓީ ތެރޭގައި އޮތީ ތިން އޮޕްޝަނެއް ކަނޑާއަޅާފައި. ފުރަތަމަ އޮޕްޝަން، ޕްލޭން އޭ އަކީ ރައީސް ޔާމީން މިނިވަންވެ ވަޑައިގެން ކުރިމަތިލެއްވުން. ޕްލޭން ބީގައި އޮތީ ރައީސް ޔާމީނަށް ކުރިމަތި ނުލެެއްވޭ ނަމަ ޕީޕީއެމުން އެހެން ކެންޑިޓޭޓަކު ނެރުން. އަޅުގަނޑު ހުރީ އެ އުއްމީދުގައި. ދެން އޮތީ ޕްލޭން ސީ. ޕްލޭން ސީގައި އޮތީ ޕްލޭން ބީ މަސައްކަތް ނުކޮށްފިއްޔާ ޕީއެންސީން ކެންޑިޑޭޓެއް ނެރުން،
Dr. Waheed

"ރައީސް ޔާމީން އެންގެވީ ތިމަންނައަކަށް ދެން ނުކުމެވަޑައިނުގެންނެވޭނެއޭ، ބޮއިކޮޓް ކުރާކަށް ވެސް ދެން ގަސްދެއް ނުކުރަމޭ. އެހެންވީމާ ޕީޕީއެމުން ކެންޑިޑޭޓެއް ނެރޭށޭ. ނުނެރެވެއްޖެއްޔާ ތިމަން މަނިކުފާން މިހުރީ ޕީއެންސީގެ ކެންޑިޑޭޓަށް ވެސް ތާއީދު ކުރާށޭ. އެކަމަކު އެ ގޮތަކަށް ނޫން ކަންތައް ހިނގައި ދިޔައީ. ޕީޕީއެމްގެ އެއްވެސް މެމްބަރަކަށް މި އިންތިޚާބުގައި ކުރިމަތިލުމުގެ ފުރުސަތެއް ނުދިން. އެހެންވީމާ އަޅުގަނޑަށް ގަބޫލް ކުރެވުނީ އަޅުގަނޑު އެތާ 10 އަހަރު ހުރެފައި، އެއްވެސް ބަލާލުމެއް ނެތި އެއްވެސް އިހުތިރާމެއް ނެތި ކަންތައް އެ ގޮތަށް ދިޔާއީމާ އަޅުގަނޑު ނުޖެހޭ އެތާ ހުންނާކަށް. އަޅުގަނޑު ނުޖެހޭ އެއްވެސް ތަނެއްގައި ހުންނާކަށް،" ވަރަށް ހިތްޕުޅު ހަމަނުޖެހި ހުންނަވައި ވަހީދު ވިދާޅުވި އެވެ. "އަޅުގަނޑަށް ކޮންމެ ބޭފުޅަކު އަރިހުގައި ވެސް ހުރެވިދާނެ."

ގާސިމް އިބްރާޙީމް ކެމްޕެއިނަށް ހދ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުގެ ތެރެއިން ހދ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ޑރ. ވަހީދު: ފޮޓޯ : ޖޭޕީ

ވަހީދު ވިދާޅުވީ ދެން ވިސްނީ ދިވެހި ރާއްޖެ އަށް އެންމެ ރަނގަޅު ވާނީ ކޮން ބޭފުޅެއްގެ އަރިހުގައި ހުރެގެންތޯ ކަމަށާއި އެ ގޮތަށް ވިސްނިއިރު ރާއްޖެ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން ސަލާމަތް ކުރެވޭނެ އަދި އެމަނިކުފާނަށް ސަޕޯޓް ކުރެވޭނެ ބޭފުޅަކަށް ފެނުނީ ޒާމަންވީ ރަހުމަތްތެރިޔާ ގާސިމް އިބްރާހިމް ކަމަށެވެ.

ޖަލު ހުކުމެއްގައި ހުންނެވި ނަމަވެސް މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި، ރައީސް ޔާމީނަށް ވާދަކުރެވޭނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން ދިޔައީ އާއްމުންނަށް ވިސްނައިދެމުންނެވެ. ނަމަވެސް ޖަލު ހުކުމެއް އޮތުމުން ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ވަރަށް ހަނިކަމަށް އޭރު ވެސް ޕާޓީގެ ގިނަ ބަޔަކު ގަބޫލްކުރި އެވެ. އެހެންވެ ޕީޕީއެމްގެ ބައެއް ބޭފުޅުން ގެންދެވީ ވަރަށް ސިއްރުން ރިޔާސީ ރޭހަށް ތައްޔާރުވަމުންނެވެ.

ރައީސް ޔާމީނަށް ކުރިމަތިނުލެއްވޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ އެކު ރައީސް ވަހީދު ވަނީ ކުށުގެ ރެކޯޑް ސާފު ކުރައްވައި އިންތިޚާބުގައި ވާދަކުރެއްވުމަށް ފޯމު ފުރުއްވައި ތައްޔާރުވެވަޑައިގެންފައިވާ ކަމަށް އަޑުތައް ފެތުރުނެވެ. ނަމަވެސް އެ ދަނޑިވަޅުގައި ޑރ. މުހައްމަދު މުއިއްޒު ވަނީ ޕީޕީއެމުން ވަކިވެވަޑައިގެން ޕީއެންސީއާ ގުޅިވަޑައިގެން އެ ދުވަހުން އެ ދުވަހަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް ކަށަވަރު ކުރައްވައިފަ އެވެ. އޭރު އޮތީ އިންތިޚާބަށް ކުރިމަތިލުމުގެ ވަގުތު ހަމަވާން އެއް ދުވަހެވެ. އެރޭ އަޑުއިވިގެން ދިޔައީ ޕީޕީއެމްގެ ރަސްމީ ތައްގަނޑު ފޮރުވި ޚަބަރެވެ. އެހެންވެ ބެލެވޭ ގޮތުގައި ވަހީދުގެ ފޯމުގައި ޕީޕީއެމްގެ ތައްގަނޑު ޖެހުމުގެ ފުރުސަތެއް ނުލިބި، ވަގުތު ހަމަވިއިރު ފޯމު ވެސް ނުލެވުނީ އެވެ.