ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ބޮޑު ތިލަދުންމައްޗަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށާއި ރާއްޖޭގެ އުތުރުގައި ހަދާ އެންމެ ބޮޑު ޓްރާންސްޝިޕްމަންޓު ބަނދަރު ހަދާ ނިންމާނެ ކަމަށް ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ކެމްޕެއިނަށް ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ ކުޅުދުއްފުށިގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އަބަދުވެސް އިވެނީ ރައްޖޭގެ ދެކުނު ތަރައްގީ ކުރާ ވާހަކަ އެކަނި ކަމަށެވެ. ހދ. ހަނިމާދޫ އެއާޕޯޓު ނުނިމޭކަން ފާހަގަކުރައްވާ ގަސިމް ވިދާޅުވީ ހަމަ ޔަގީނުން ވެސް އޭނާގެ ވެރިކަމެއްގައި ހަނިމާދޫ އެއާޕޯޓު ހަދާ ނިންމާނެ ކަމަށެވެ.

ގާސިމް ވިދާޅުވީ ފަތުރުވެރިކަން ހދ. އަތޮޅުގައި ކުރިއަރުވާ ފަސް އަހަރު ނިމެންވާއިރަށް ހދ. އަތޮޅަށް 6000 އެނދު ޑެލިވާ ކުރެވޭނެ ކަމަށެވެ. އެހާ ހިސަބުން ހދ. އަތޮޅަށް ނުވަތަ ރާއްޖޭގެ އުތުރަށް ބޮޑު އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

ޓްރާންސްޝިޕްމަންޓު ބަނދަރާ އެކު އުތުރަށް އޮތް ފުރުސަތުތައް މާގިނަވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް އިބްރާޙީމް ކެމްޕެއިނަށް ހދ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުގެ ތެރެއިން ހދ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާ: ފޮޓޯ: ޖޭޕީ

ގާސިމް އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައިލާ ވޯޓަކީ ގާތް ތިމާގެ މީހާއަށްޓަކައި ނުވަތަ އާއިލާގެ މީހަކަށްޓަކާ ލާ ވޯޓަކަށް ނުހެއްދެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ފަހުން ހިތާމަ ކުރަންޖެހޭ ވޯޓަކަށް ނުހެދުމަށް ރައްޔިތުންގެ ކިބައިން އެދޭ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ރައީސް ކަމަށް މީހަކު ހޮވާއިރު ހުރިހާ ރައްޔިތުން ވެސް ވަރަށް ވިސްނަން ޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ. އެގޮތުން އެ މީހަކު ރައީސް ކަމުގައި ހުރެ ކޮށްދިން ކަމަކަށްވުރެ އަމިއްލަ ފަރުދެއްގެ ގޮތުގައި ހުރެގެން މުޖުތަމައަށް ކޮށްދިން ހިދުމަތްތަކާ މެދު ރައްޔިތުން ވިސްނުމަށް ފަހު ވޯޓު ދެއްވުމަށް ގަސިމް ގޮވާލެއްވި އެވެ.