ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުންނެވީ އިންޑިއާގެ އަތްދަށުގައި ކަމަށާ ކުރިމަތިލެއްވީ ރައީސް ސޯލިހު ސަލާމަތްކުރުމަށް ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.

ގާސިމްގެ ކެމްޕެއިނަށް ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކަނޑިތީމުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ރައީސް ސޯލިހު ހުންނެވީ ގުޑި ނުލެވޭ ވަރަށް ފިތި ބާރުވެފައި ކަމަށެވެ. އަދި ޗާގޯސް މައްސަލާގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ސޯލިހު ފޮނުއްވި ސިޓީ ފުޅު ހާމަނުކުރައްވަނީ އެމަނިކުފާނު ބައެއްގެ އަތްދަށުގައި ފިތިފައި ހުރުމުން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އެމައްސަލާގައި ރައީސް ސޯލިހު އަމަލުކޮށްފައި ވަނީ ގާނޫނު އަސާސީއާއި އެމަނިކުފާނު ކުރައްވައިގެން ހުންނެވި ހުވަޔާ ހިލާފަށް ކަމަށެވެ.

ށ. އަތޮޅަށް ގާސިމް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ކަނޑިތީމުގައި ބޭއްވި ޖަލްސާގެ ތެރެއިން. ފޮޓޯ: ޖޭޕީ

"އަޅުގަނޑަށް ވިސްނޭ ގޮތުގައި ކޮންމެވެސް ބައެއްގެ އަތްގައި ދަށުގައި ދަށުވެ، ފިތި ބާރުވެފައި އެ ހުންނެވީ. އެއްވެސް ފަރާތަކަށް ގުޑިލެވޭނެ އެއްވެސް ފުރުސަތެއް ނެތީ. އަޅުގަނޑު މި ނުކުތީ އެކަމުން އެ މަނިކުފާނު ސަލާމަތް ކޮށްދޭން،" ގާސިމް ވިދާޅުވި އެވެ.

ށ. ގޮއިދޫއަށް ވަޑައިގެން ވެސް ގާސިމް ވިދާޅުވީ ރައީސް ސޯލިހު ދެވަނަ ދައުރަކަށް ނިކުމެވަޑައިގަތީ އިންޑިއާއިން މަޖުބޫރު ކުރުމުން ކަމަށެވެ. އަދި އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދެމުން ގެންދާ އެހީތެރިކަމާ ލޯނު އެހީތައް ވެސް ދެމުން ގެންދަނީ ރާއްޖޭގެ މިނިވަން ކަމާ ރާއްޖޭގެ ސިޔާދަތީ ބާރުގެ ތެރެއަށް އަތްބާނަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގާނޫނާ ހިލާފަށް ރައީސް ކުރައްވަމުން ގެންދަވާ ކަންކަމަކީ ކުށެއް ކަމަށް ގާސިމް ވިދާޅުވި އެވެ.