ރާއްޖޭގެ ދަރަނި ނިސްބަތުން އަވައްޓެރި ސްރީލަންކާގެ ދަރަންޏަށް ވުރެ މާބޮޑު ކަމަށާއި ދަރަނި ނަގަމުން ގޮސް ރާއްޖެ އޮތީ މިނިވަންކަން ގެއްލޭ ހިސަބުގައި ކަމަށް ބ. ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ކެމްޕެއިނަށް ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ކަނޑިތީމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އަލީ ހުސައިން ވިދާޅުވީ ރާއްޖެ އިގްތިސޯދީ ބޮޑު އަނދަވަޅަކަށް ވެއްޓިފައިވާ ކަމަށާއި އިގްތިސޯދީ ގޮތުން ރާއްޖެ މިހާ ހީނަރުވެގެން ދިޔައީ ސަރުކާރުން ނަގާފައިވާ މާސިންގާ ލޯނެއް ނުދައްކައިގެން ކަމަށެވެ. އަދި ރާއްޖެ ވެއްޓިފައި މިއޮތް އަނދަވަޅުން އަރައިގަތުމަށް ރައްޔިތުން ކުރަންޖެހޭ ކަމަކީ އެންމެ ބޮޑު ޕާޓީގެ ކެންޑިޑޭޓަށް ވޯޓުލުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ހުސެއިން ވިދާޅުވީ ރައްޔިތުން ވޯޓު ލާންވީ ގައުމު ދެކެ ލޯބިވާ ގައުމީ ކެންޑިޑޭޓް ގާސިމް އިބްރަހީމަށް ކަމަށެވެ.

"ދިވެހިރާއްޖޭގެ ދަރަނި ހަގީގަތުގަ ނިސްބަތުން ސްރީލަންކާގެ ދަރަންޏަށް ވުރެ މާބޮޑު. ހަމައެކަނި އެޗްޑީސީގެ ދަރަނި ވެސް ނިސްބަތުން ބޮލަކަށް ޖެހޭ ވަރަށް ބަލާއިރު ސްރިލަންކާގެ ދަރަންޏަށް ވުރެ މާބޮޑު،" އޭނާ ވިދާޅުވި އެވެ.

އަލީ ހުސައިން އިތުރަށް ވިދާޅުވީ ނަގަފައިވަ ދަރަނިތައް 2026 ވަނަ އަހަރުގެ ކުރިން ދައްކަން ޖެހޭ ކަމަށެވެ.

އެއް ބިލިއަން ޑޮލަރު ބޭރުގެ އެކިއެކި ފަރާތްތަކަށް ދައްކަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަލީ ހުސެއިން ލޯނު ނުދެއްކުމުން ދިވެހީންގެ އަތުން ގެއްލިގެން ދަނީ ސޮވެރިން ގެރެންޓީ ކަމަށެވެ. އަދި ދަރަނި ނަގަމުން ގޮސް ރާއްޖޭގެ މިނިވަންކަން ގެއްލޭ ހިސާބަށް ހިނގައިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.