އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް މީހަކު ހަމަލާދީފި އެވެ.
އުމަރު ނަސީރަށް މީހަކު ހަމަލާ ދީފައިވަނީ މިއަދު ހަވީރު މާލޭގައި އުމަރު ބޭއްވި ޕިކަޕު ބުރެއްގެ ތެރެއިން އުމަރު ޕިކަޕުގައި ހުންނަވަނިކޮށެވެ. މަގުމަތިން ދިޔަ މީހަކު އުމަރާ ދިމާލަށް ވަނީ ދަގަނޑު ބުރިއެއް ހޫރާލަފަ އެވެ. ނަމަވެސް އޭގެން އުމަރުގެ ގައިގަ އެއް ނުޖެހެ އެވެ.
އުމަރު ކެމްޕެއިނަށް ކޮންމެ ދުވަހަކުވެސް މާލެއާ ހުޅުމާލޭގައި ޕިކަޕްބުރު ބާއްވަ އެވެ. އެ ޕިކަޕު ބުރުގައި އުމަރުގެ ވައުދުތަކާ ސިޔާސަތުތައް ރައްޔިތުންނަށް ހާމަ ކުރެ އެވެ.
އުމަރު ފޭސްބުކް ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ މިއަދު މާލޭގައި ބޭއްވި ރޯޑް ރެލީ ކުރިއަށް ދަނިކޮށް، ޑްރަގް ވިއްކާ މީހެއްކަމަށް ތުހުމަތު ކުރެވޭ މީހަކު ދަގަޑު އެއްޗެއް އެއްލާ އުމަރުގެ މޫނުމަތީގައި ޖެހުމަށް ފަހު ފިލާފައިވާ ކަމަށެވެ.
އުމަރުގެ ސިކިއުރިޓީ ގެ ގޮތުގައި ތިއްބެވި ސިފައިން މިހާރުވަނީ އޭނާގެ ފޮޓޯ ފުލުހުންނާ ހިއްސާ ކޮށްފައިވާ ކަމަށްވެސް އުމަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވީ އެކަމުގެ ސަބަބުން އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.