ކ. ގުޅި، ގުރައިދޫ، މާފުށި ބިން އިތުރުކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވީ ކެމްޕެއިނަށް ކ ގުރައިދޫ އަށް މިރޭ ކުރެއްވި ދަތުރުފުޅުގައި އެރަށުގައި ބޭއްވި ޖަލްސާގަ އެވެ.

ގުޅި، ގުރައިދޫ، މާފުށީގެ ބިން އިތުރުކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއިރު، މިސަރުކާރުން 2021 ވަނަ އަހަރު ވަނީ މާފުށީ ފަޅުން ބައެއް ހިއްކާ ނިންމައިފަ އެވެ. މާފުށިން ހިއްކި ބިމުން ގޯތި ދިނުމަށް މިހާރު ވަނީ ގޯތި ލިބޭ 308 މީހުންގެ ވަގުތީ ލިސްޓެއް ވެސް ނެރެފަ އެވެ.

ކ. ގުރައިދޫ ރައްޔިތުނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް 15 ހެކްޓަރުގެ ބިމެއް މިސަރުކާރުން 2021 ވަނަ އަހަރު ވަނީ ހިއްކާފަ އެވެ. ހަމަ އެގޮތަށް ކ. ގުޅި ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށް ނިންމާ އެމަސައްކަތް މިހާރު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.

ގުރައިދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި މުއިއްޒު ވިދާޅުވީ ގުޅި، ގުރައިދޫ، މާފުށި ބިން އިތުރުކުރުމަށް ހިންގާ މަޝްރޫއު މި ސަރުކާރުން ހިންގަނީ ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް ނޫން ކަމަށެވެ. އަދި މިހާރު ގުރައިދޫގެ ބިންހިއްކުމުގެ މަޝްރޫއު ވެސް ކުރިއަށްގެންދަނީ ރައްޔިތުން ބޭނުންވާ ގޮތަށް ނޫން ކަމަށާއި ސަރުކަރުން އެކަން ކުރާ ގޮތާ މެދު އަޖައިބުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުންގެ އަޑުއަހާ ސަރުކާރެއް ގެނައުމަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައްޔިތުން ގޮތް ނިންމަން ޖެހޭ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ގުރައިދޫ ފަޅުން ބިން ހިއްކަނީ އޭގެ ބޭނުން ރައްޔިތުންނަށް ހިފޭނެ ގޮތަކަށް ނޫން ކަމަށާއި ރައްޔިތުންނަށް ފައިދާއެއް ވާގޮތަށް އަދިވެސް ބިން ހިއްކެން އެބޮތް ކަމަށެވެ. މުއިއްޒު ވިދާޅުވީ އެމަނިކުފަނުގެ ވެރިކަމެއްގައި މި ތިން ރަށުގެ ބިން އިތުރުކޮށްދެއްވާނެ ކަމަށެވެ.