އަންހެނުން އުފައްދާތަކެތި މާކެޓް ކުރުމަށާއި ކުދި ވިޔަފާރި ކުރުމަށް ކަނބަލުންނަށް ހާއްސަކޮށްގެން 100 މިލިއަން ރުފިޔާގެ ލޯނު ސްކީމެއް ތައާރަފް ކުރައްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގައި ރޭ ސ. ހިތަދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ 100 މިލިއަން ރުފިޔާގެ ލޯނު ސްކީމެއް އަންހެން ކަނބަލުންނަށް ހާއްސަކުރެވިގެން ތައަރަފް ކުރަނެ ކަމަށެވެ. އެއީ ކަނބަލުން ގޭގައި ތިބެގެން ވިޔަފާރިއެއް ފެށުމަށް ދޭ ސްޓާޓްއަޕް ލޯން ސްކީމެއް ކަމަށާއި އެ ލޯނު ނަގައިގެން ކުދި ވިޔަފާރިތައް ފެއްޓުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަންހެނުން ގޭގައި ތިބެގެން އުފައްދާ ތަކެއްޗާއި ވަކިން ހާއްސަކޮށް އުފެއްދުންތެރިކަން އިތުރުކޮށް އުފައްދާތަކެތި ވިއްކޭނެ މާކެޓެއް ރާއްޖޭގެ 4 ސިޓީގައި ފަށާނެ ކަމަށެވެ. އަދި އެންމެ ފުރަތަމަ އެކަން ފަށާނީ އެ ހަތަރު ސިޓީގައި ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެއީ މާލެ ސިޓީ އައްޑޫ ސިޓީ ފުވައްމުލައް ސިޓީ އަދި ކުޅުދުއްފުށި ސިޓީ އެވެ.
"ފުރަތަމަ ފޭސްގައި މި ސިޓީތަކުގައި މިފަދަ ތަކެތި އުފައްދައިގެން ވިއްކޭނެ ކަނބަލުންގެ މާކެޓްތަކެއް ގާއިމް ކޮށްދޭނަން. އެ ގާއިމްކޮށްދޭ މާކެޓްތައް ކުރިއަށް ގެންދިއުމަށް ކަނބަލުންގެ ކޯޕަރޭޓީވްސްތަކެއް އުފެދޭނެ. އުފައްދައިގެން އެތަން އެކޯޕަރޭޓިވްސްތައް މެދުވެރިވެގެން އެކޯޕަރޭޓިވްސްތަކުން އެމާކެޓްތައް ހިންގާނީ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މިއީ 100 ޕަސެންޓު އަންހެނުންގެ ވިޔަފާރިއަކަށް ވެގެންދާނެ ކަމަށެވެ. އެތަންތަނުގައި ސްޓޯލް ތަކުގައި ރާއްޖެއިން ބޭރުގެ މީހުންނަކަށް ނުތިބެވޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އުފެއްދުންތެރިކަމަށް އަންހެނުން ކުރާ މަސައްކަތަށް ވަރަށް ބޮޑު ކުރިއެރުމެއް މިކަމުން ލިބިގެންދަނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.