ބޮލީވުޑްގެ މައްސަލަ ބޮޑު އެކްޓްރެސް ރާކީ ސާވަންތުއާއި އޭނާގެ ކުރީގެ ފިރިމީހާ އާދިލް ޚާން ދުރާނީ އާ ދެމެދު ކުރިއަށްދާ ކޯޅުން އިތުރަށް ހޫނުވެއްޖެ އެވެ.
އާދިލް ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ރާކީއާ ބެހޭ ގޮތުން ގިނަ ވާހަކަތަކެއް ދައްކައި އޭނާއަށް ބޮޑެތި ތުހުމަތު ތަކެއް ވެސް ކޮށްފަ އެވެ.
އެގޮތުން ރާކީ އޭނާއާ އިނދެގެން ހުރެ އިނގިރޭސި ވިލާތަށް ގޮސް ހިލޭ ފިރިހެނުންނާއެކު ގުޅުން ބާއްވާފައިވާ ކަމުގެ ހެކި އޭނާއަށް ފެނިފައިވާ ކަމަށް އާދިލް ބުންޏެވެ.
"ރާކީއަކީ އަމިއްލަ އެދުމުން ފޯވެފައި ހުރި އަންހެނެއް. އޭނާއަށް އިތުބާރު ކުރުމަކީ އަހަރެންގެ ހަޔާތުގައި ވެސް ހެދުނު އެންމެ ބޮޑު ގޯސް" އާދިލް ބުނެފައިވެ އެވެ.
އާދިލްއާއި ރާކީ ކައިވެނި ކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައި އެވެ. އިސްލާމްވުމަށްފަހު ރާކީ ކުރި އެ ކައިވެނި ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ރޫޅިފަ އެވެ.
އޭގެ ފަހުން ރާކީ ވަނީ އާދިލްއާ ދެކޮޅަށް ގެވެށި އަނިޔާގެ މައްސަލައެއް ކޯޓަށް ހުށައަޅާފަ އެވެ. އެ މައްސަލާގައި ބުނެފައިވަނީ އާދިލް އޭނާއަށް ޖިސްމާނީ އަނިޔާކުރި ކަމަށާއި ކައިވެނިކުރީ އިސްލާމްވުމަށް މަޖުބޫރު ކުރުވައިގެން ކަމަށެވެ.
މި މައްސަލައިގައި އިންޑިއާގެ ފުލުހުން ވަނީ ދެ ފަހަރެއްގެ މަތިން އާދިލް އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސް ސުވާލު ވެސް ކޮށްފަ އެވެ.