ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާ މާލޭގައި ބާއްވަން ހުއްދަ ނުދީ މާލެ ސިޓީ ކައުންސިލުން ހިފަހައްޓާފައިވާ ކަމަށް ރައީސް ސޯލިހުގެ ކެމްޕެއިން ތަރުޖަމާން މާރިޔާ ދީދީ ވިދާޅުވެފައި ވަނިކޮށް މާލެ ސިޓީ ކައުންސިލުން އެ ހުއްދަ ދީފި އެވެ.

ރައީސް ސޯލިހުގެ ކެމްޕެއިން ތަރުޖަމާނުގެ ހައިސިއްޔަތުން ކޮންމެ ދުވަހަކު ވެސް މާރިޔާ ގެންދަވަނީ ނޫސްވެރިންގެ ބައްދަލުވުން ބައްވަމުންނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ މާލޭގައި ރައީސް ސޯލިހުގެ ކެމްޕެއިން ޖަލްސާ ބޭއްވުމަށް މާލެ ސިޓީ ކައުންސިލުން ދަތިކުރަމުން އަންނަ ކަމަށެވެ. އެގޮތުން މާލެ ކާނިވާ ސަރަހައްދުގައި ޖަލްސާ ބޭއްވުމުގެ ހުއްދަ އަށް އެދިފައިވީ ނަމަވެސް އެ ހުއްދަ ނުދީ ސިޓި ކައުންސިލުން ހިފަހައްޓަމުން އަންނަ ކަމަށް މާރިޔާ ވިދާޅުވި އެވެ.

މާރިޔާ އެހެން ވިދާޅުވެފައި ވަނިކޮށް މާލެ ސިޓި ކައުންސިލްގެ މީޑިއާ އޮފިޝަލް މަރިޔަމް ޝިއުނާ ވަނީ އެ ހުއްދަ ދީފައިވާކަމުގެ ލިޔުން މީޑިއާތަކާ ހިއްސާކޮށްފަ އެވެ.

އެ ސިޓީގައި ބުނެފައި ވަނީ އަންނަ މަހުގެ 6 ވަނަ ދުވަހުގެ ހެންދުނު 9:00 އިން ފެށިގެން ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ރޭ 12:00 އަށް ކާނިވާ ސަރަހައްދުގައި ކެމްޕެއިން ހަރަކާތް ހިންގުން އެންމެ ރަނގަޅު ކަމަށް ބުނެފަ އެވެ.

އެމްޑީޕީގެ ކެމްޕެއިން ހަރަކާތް ހިންގަން މާލެ ސިޓީކައުންސިލުން ދީފައިވާ ހުއްދައިގެ ލިޔުން.

މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ އޮންނަނީ އިދިކޮޅު ޕީޕީއެމް ކޯލިޝަންގަ އެވެ. މާލޭ ސިޓީގެ މޭޔަރަކީ އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ.

މާރިޔާ ވިދާޅުވީ ކާނިވާ ސަރަހައްދުގައި ޖަލްސާ ބާއްވަން ސިޓީ ކައުންސިލްގައި ދެ ފަހަރެއްގެ މަތިން މިހާރު ހުއްދައަށް އެދިފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިއީ އެމްޑީޕީގެ ކެމްޕޭނަށް ހުރަސް އެޅުމުގެ ގޮތުން ގަސްދުގައި މާލޭ ސިޓީ ކައުންސިލުން ކުރާ ކަމެއް ކަމަށެވެ.

ޑރ. މުއިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު އިފްތިތާހު ކުރުމަށް ހުޅުމާލެ ފޭސް 2 ގައި ބޭއްވި ޖަލްސާއަށް އިޝާރާތް ކުރައްވައި މާރިޔާ ވިދާޅުވީ އިދިކޮޅު ފަރަތްތަކުން ބާއްވާ ސިޔާސީ ހަރަކާތްތަކަށް ސަރުކާރުން ޖާގަ ދެމުން އަންނަ ކަމަށެވެ.