ހދ. ހަނިމާދޫ އެއާޕޯޓު އޮންނަނީ އިންޑިއާ ސިފައިންގެ ބާރުގެ ދަށުގައި ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ހދ. ހަނިމާދޫ އެއާޕޯޓުގައި އިންޑިއާ ސިފައިންނަށް ނުތިބެވޭނެ ކަމަށާއި އެތަން ދިވެހި ދައުލަތުގެ ބެލުމުގެ ދަށަށް ބަދަލުކޮށްދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ގާސިމް ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ހިރިމަރަދޫގައި ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި އިންޑިއާ ސިފައިން ތިބޭ ކަމަށާއި ޖޭޕީގެ ވެރިކަމެއްގައި ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ އެއްވެސް ސަރަހައްދެއްގައި ބޭރުގެ ސިފައިންނަށް ނުތިބެވޭނެ ކަމަށެވެ.

ރާއްޖޭގެ މިނިވަންކަމާއި ހާރިޖީ ސިޔާސަތު މިހާރުއޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށް ގާސިމް ވިދާޅުވި އެވެ. ގާސިމް ވިދާޅުވީ ހަނިމާދޫ އެއާޕޯޓަކީ ދިވެހި ދައުލަތުގެ ބާރުގެ ދަށުގައި އޮންނަ އެއާޕޯޓެއް ގޮތުގައި ހަމަޖައްސަވާނެ ކަމަށެވެ.

ގާސިމްގެ ކެމްޕެއިނަށް ހދ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން: ފޮޓޯ: ޖޭޕީ

"ހަނިމާދޫ އެއާޕޯޓަކީ ދިވެހި ދައުލަތުގެ ބާރުގެ ދަށުގައި އޮންނަ އެއާޕޯޓެއްކަމުގައި ހަމަޖައްސާނަން. ހަމަޖެއްސުމާއެކުގައި ބައިނަލް އަގްވާމީ ފްލައިޓްތައް މިތަނަށް ޖައްސާނެ. އެތާގައި ނުތިބެވޭނެ ބޭރުގައުމެއްގެ ސިފައިންނަކަށް. ގާނޫނާއި ހިލާފަށް އެއްވެސް ވެރިއަކަށްދެވޭނެ ހުއްދައެއްނޫން އެއަކީ" ގާސިމް ވިދާޅުވި އެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ތިބުމަސް ނުރުހި ވާހަކަ ދައްކަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ހިތްހަމަނުޖެހުމެއް އޮވެގެން ނޫން ކަމަށާއި އެއީ ރާއްޖޭގެ ވެރިން ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފުވާތީ ދައްކާވާހަކައެއް ކަމަށް ގާސިމް ވިދާޅުވި އެވެ.

ޗާގޯސް މައްސަލައަށް އިޝާރަތް ކުރައްވާ ގާސިމް ވިދާޅުވީ ރާއްޖޭން ކަނޑުން ބައެއް މޮރިޝަސްއަށް ދިނުމަށް ރައީސް ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ގާސިމް ސިފަކުރެއްވީ ގައުމުގެ ބައެއް "އަމޭ ކިޔާފައި ދިނުމުގެ" ގޮތުގައެވެ.