ރިސޯޓެއް ހަދަން ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ކޮރަޕްޝަން ހިމެނޭ ކަމަށް ސާބިތުވެ، 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލަން އިދިކޮޅުން ގޮވާލި ނަމަވެސް ޝަރުއީ ދާއިރާގެ ތެރެއަށް ނުފޫޒު ފޯރުވައި ބާރުގެ ބޭނުން ނުުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ބ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅުގެ އެންމެ ފަހު ރަށް، ކުޑަރިކިލު ބަނދަރުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ވެރިއަކަށް ހުންނަ މީހަކު ބޭނުންވެއްޖެ ނަމަ ސުޕްރީމް ކޯޓާއި ހައި ކޯޓު އަދި ހުރިހާ ކޯޓުތަކެއްގެ ފުރާޅުން ޓިނު ނެގިދާނެ ކަމަށެވެ.

"ދެން އެކަންތައްތައް ބަލާފައި، ކޯޓުން ނިންމީމަ މި ބުނަނީ ދޫކޮށްލާށެ، މި ކިހިނެއްތޯ އެކަން ކުރަނީ އަޅުގަނޑުމެން، ކޯޓުތައް މިނިވަންކަމާއި އެކީގައި އެ މަސައްކަތް ކުރައްވަނީ، އެ ބޭފުޅުންގެ ޕްރޮސެސްއަށް އަޅުގަނޑުމެން ފުރުސަތު ދޭން ޖެހޭ. ޖާގަ ދާން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު ޝަރުއީ ދާއިރާ ތެރެއަށް ނުފޫޒު ފޯރުވަން ބޭނުން ނުވާ ކަމަށެވެ.

ރައީސް ސޯލިހު ބ. ކުޑަރިކިލަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަނީ. ފޮޓޯ: އެމްޑީޕީ

"މިނިވަން ކަމާއި އެކީގައި، ކުރެވެން ޖެހޭނެ. އެއީ ހެޔޮ ވެރިކަމެއްގެ ސިފަ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައިވެސް ޝަރުއީ ދާއިރާ ހިނގާނީ މިނިވަން ކަމާއި އެކީގައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ވެރިއަކަށް ހުންނަ މީހަކަށް ވަރަށް ބައިވަރު ބާރުތައް ލިބިފައިވާ ކަމަށާއި ވެރިއަކަށް ހުންނަ މީހަކު ބޭނުންނަމަ ނެގޭނީ ސުޕްރީމް ކޯޓުގެ ފުރާޅުގެ ޓިނު ނޫން ކަމަށެވެ.

"އެއްފަހަރާ ސުޕްރީމް ކޯޓާއި، ހައިކޯޓާއި ހުރިހާ ކޯޓެއްގެ ފުރާޅުގެ ޓިނު ނެގިދާނެ. އެއީ އެ ބާރު އޮތީމަ. އެހެން ނަމަވެސް އަޅުގަނޑަކީ ލިބިފައި އޮތް ބާރު ނާޖާއިޒް ގޮތުގައި ބޭނުން ކުރާނެ މީހެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ވެރިކަން ލިބުމުން ގާނޫނުތަކާއި ގާނޫނުން ލިބިފައި ހުރި ބާރުތައް ބޭނުން ގޮތަކަށް ބޭނުން ކުރަމުންދާނަމަ ގައުމު ވެއްޓިގެން ދާނީ ހަމަނުޖެހުމެއްގެ ތެރެއަށް ކަމަށެވެ. އަދި މިއަދު ފެންނަ ހަމަޖެހުމާއި ސުލްހައަކީ އެކަން އެގޮތަށް ނުކުރުމުން ލިބިފައި އޮތް ހަމަޖެހުމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ

"އަޅުގަނޑަށް ފެންނަ ގޮތް އެއީ ހަމައެކަނި ރަނގަޅު ގޮތް ކަމުގައި ބަލައިގެން ވެރިކަމެއް ނުކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

އެ ކަންކަން ކުރާނެ ގޮތުގެ ޕްލޭނެެއް ނެތަސް، މިހާރު މުޅި ނިޒާމް ބަދަލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެއާއެކު، އެ މަނިކުފާނު ވަނީ ކުރީގެ ރައީސް ޔާމީނަށް ފާޑުވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ ދައުލަތަށް ލިބެން ހުރި ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރުމުން ފައިސާއެއް ނުހުންނާނެ ކަމަށެވެ. އެ މައްސަލަ ތަހުގީގުކޮށް ޖަލަށް ލުމުން، ޔާމީން ދޫކޮށްލަން ގޮވާލިއަސް އެކަން ކުރާނެ ގޮތަކާ މެދު އެ މަނިކުފާނު ސުވާލު އުފެއްދެވި އެވެ.

"ކޯޓުތައް މިނިވަންކަމާ އެކީގައި މަސައްކަތްކުރަން ޖެހޭ. އެ ބޭފުޅުންގެ މުއައްސަސާއަށް އަޅުގަނޑުމެން ފުރުސަތު ދޭންޖެހޭ. މިނިވަންކަމާއެކު މަސައްކަތްކުރުން އެއީ ހެޔޮ ވެރިކަމެއްގެ އެއް ސިފަ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި ވެސް ޝަރުއީ ދާއިރާ ހިނގާނީ މިނިވަންކަމާއެކީ،" ރައީސް ވިދާޅުވި އެވެ.

ވެރިކަން ލިބުމުން ގާނޫނު އަސާސީން ލިބިފައިވާ ބާރަކީ ބޭނުންގޮތަކަށް ލިބިފައިވާ އެއްޗަކަށް ހަދާ ނަމަ ގައުމު ވެއްޓޭނީ، އެމްޑީޕީގެ ކެންޑިޑޭޓް ވިދާޅުވި ގޮތުގައި އަނދަވަޅަކަށެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިން ކުށް ސާބިތުވެ ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ދަށު ކޯޓުން ނިންމެވީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.