ރާއްޖެއަށް ބޭނުންވާ ވަރަށް ކޮވިޑް ވެކްސިން ލިބޭނެކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެފަހުގެ މައުލޫމާތު ހިއްސާކުރެއްވުމަށް، ރައީސް ސޯލިހު ގައުމާ މުޚާތަބު ކުރައްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މިއަދު މި ލިބޭ ވެކްސިނަކީ، އިންޑިއާ ސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް ވެދިން ވަރަށް ބޮޑު ދީލަތި އެހީއެއް ކަމަށެވެ. އަދި އެކަމަށްޓަކައި އިންޑިއާގެ އެކުވެރި ރައްޔިތުންނަށާއި އިންޑިއާ ސަރުކާރަށް އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް، ދިވެހި ރައްޔިތުންނާއި ސަރުކާރާއި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ވަރަށް ޚާއްސަ ޝުކުރެއް ރައީސް ދެންނެވި އެވެ.

"ކޯވިޑް-19 ރާއްޖެއިން ފެނުނު ފުރަތަމަ ދުވަހުން ފެށިގެން، މިބަލިން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި، ޞިއްޙީ މާހިރުންގެ ލަފަޔާއެކު، ސަރުކާރުން މިއަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން. ކޯވިޑް-19އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް، ދުނިޔޭގެ އެކި ގައުމުތަކުން ކުރަން ފެށުމާއެކު، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ވަރަށް ވެކްސިން ހޯދުމުގެ މަސައްކަތް ސަރުކާރުން ވާނީ ފަށާފައި،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރާއްޖެއަށް ބޭނުންވާ ވެކްސިން ހޯދުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ ގޮތުން ރައީސް ވިދާޅުވީ މިއަދާ ހަމައަށް އައިއިރު، ކުރެވުނު މަސައްކަތުން މާތް ﷲގެ ވާގިފުޅާއެކު، ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން ލިބޭނެކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ، ރާއްޖޭގައި ހުރިހާ ރައްޔިތުންނަށާއި، ރާއްޖޭގެ ދިރިއުޅޭ އެންމެނަށް، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ހިލޭ ވެކްސިން ދިނުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ވޭތުވެދިޔަ ދިހަ މަސްދުވަހަކީ، ކޯވިޑްގެ ސަބަބުން ރައްޔިތުން ވަރަށް ގިނަ ދަތި އުނދަގޫތަކެއް ތަޙައްމަލު ކުރި ދުވަސްތަކެއް. އެތައް ބައެއްގެ ވަޒީފާ ގެއްލުނު. އެތައް ޢާއިލާއެއްގެ ބައެއް މެންބަރުން އަބަދަށްޓަކައި ވަކިވެގެން ހިނގައްޖެ. ވިޔަފާރިތައް ހުއްޓުމަކަށް ގެނުވި. މިސްކިތްތަކާއި ސްކޫލްތައް ބަންދުކުރަން ޖެހުނު. ޢާއިލާތަކުގެ މެންބަރުން އެކަކު އަނެކަކާ ބައްދަލުނުވެ ތިބެންޖެހުނު. ދަތުރުފަތުރު ހުއްޓި އަސާސީ އެތައް ޚިދުމަތަކަށް ބުރޫއެރި،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ވޭތުވެދިޔަ ދިހަ މަސްދުވަހަކީ، ކޯވިޑްގެ ސަބަބުން ރައްޔިތުން ވަރަށް ގިނަ ދަތި އުނދަގޫތަކެއް ތަޙައްމަލު ކުރި ދުވަސްތަކެއް. އެތައް ބައެއްގެ ވަޒީފާ ގެއްލުނު. އެތައް ޢާއިލާއެއްގެ ބައެއް މެންބަރުން އަބަދަށްޓަކައި ވަކިވެގެން ހިނގައްޖެ. ވިޔަފާރިތައް ހުއްޓުމަކަށް ގެނުވި. މިސްކިތްތަކާއި ސްކޫލްތައް ބަންދުކުރަން ޖެހުނު. ޢާއިލާތަކުގެ މެންބަރުން އެކަކު އަނެކަކާ ބައްދަލުނުވެ ތިބެންޖެހުނު. ދަތުރުފަތުރު ހުއްޓި އަސާސީ އެތައް ޚިދުމަތަކަށް ބުރޫއެރި،
ރައީސް ސޯލިހު

ރައީސް ވިދާޅުވީ މިއަދު ރާއްޖެއަށް ލިބޭ އާ އުންމީދާއެކީ ވެސް ކުރަންޖެހޭ ވަރަށް ބައިވަރު މަސައްކަތްތައް އެބަހުރި ކަމަށެވެ.

"އަޅުގަނޑުގެ މިއަދުގެވެސް އިލްތިމާސަކީ، ސިއްހީ މާހިރުން ދެއްވާ ލަފަޔާއި އިރުޝާދާ އެއްގޮތަށް، އަޅުގަނޑުމެންގެ އަމަލުތައް އަދިވެސް ބެހެއްޓެވުން. ބޭރަށް ނުކުންނަވާއިރު މާސްކު އަޅުއްވާ. ގިނަ މީހުން އެއްވެ ގައިގޯޅިކޮށް ބާއްވާ އެއްވުންތައް މިވަގުތަށް އަދިވެސް މަޑުޖައްސަވާލައްވާ،" ރައީސް ސޯލިހު ވިދާޅުވި އެވެ. "ގިނަގިނައިން އަތް ދޮވެ ސާފުތާހިރުކޮށް ތިއްބެވުމަށާއި، ގައިދުރުކަން ދެމެހެއްޓުމަށް އިސްކަން ދެއްވާ."